ހިޔާ ޓަވަރުތަކުގެ އިތުރު ލިފްޓުގެ ހަރުކުރުމުގެ މަސައްކަތުގެ 75 ޕަސެންޓަށް ނިމިއްޖެ

ހިޔާ ޓަވަރުތަކުގެ އިތުރު ލިފްޓުގެ ހަރުކުރުމުގެ މަސައްކަތުގެ 75 ޕަސެންޓަށް ނިމިއްޖެ

Author
ހުސައިން
16 ނޮވެމްބަރ 2025 07:44
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓު ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު 75 ޕަސެންޓަށް ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލުމާތު ދެމުން ބުނެފައިވަނީ، މަޝްރޫއުގެ ދަށުން މިހާތަނަށް ޓަވަރު 1، 2، 3 އަދި 4ގައި ލިފްޓުތައް ހަރުކޮށް ނިމި، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އިތުރު ޓަވަރުތަކުގައި ވެސް މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓަވަރު 5 އަދި 6ގެ މަސައްކަތް 90 ޕަސެންޓަށް ނިމިފައިވެއެވެ.

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް 18ގައެވެ. މި މަޝްރޫއު ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ. މި މަޝްރޫއުގެ ދަށުން 32 ލިފްޓު ގަންނަން 18 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.

އަލަށް ހަރުކުރާ ލިފްޓުތަކަކީ އެއްފަހަރާ 21 މީހުންނަށް އެރޭ، ސްޓްރެޗާ އުފުލޭ ވަރުގެ ލިފްޓުތަކެކެވެ. ލޮލުން ނުފެންނަ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.