ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މާލެ އައިސްފިއެވެ. ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާ ކަމަށްވާ މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވައެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން އެންމެ ގިނަ ބަޔަކު ޖަލްސާއަށް އައީ ފ. ނިލަންދޫންނެވެ. ކަނޑު ބޯޓެއްގައި 200 އާ ގާތް ކުރާ މީހުން މިއަދު ނިލަންދޫން މާލެ އައިސްފައިވެއެވެ. ނިލަންދޫގެ އިތުރުން ބިލެތްދޫ އާއި ފީއަލި އާއި ބ. އޭދަފުށި، ތ. ވިލުފުށި، ށ. ކޮމަންޑޫ ފަދަ ރަށްރަށުން ވެސް ގިނަ ބަޔަކު މިއަދު މާލެ އައިސްފައިވެއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މީހުން މާލެ އަންނަމުން އަންނަތާ އާބާދީ ބޮޑު ސިޓީތަކުން ވެސް ގިނަ ބަޔަކު މާލެ އައިސްފައިވެއެވެ. އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫން 256 މީހުން އަދި ތިނަދޫން 46 މީހުން މިއަދު މާލެ އައިސްފައިވާއިރު، ފުވައްމުލައް ސިޓީ، ހއ. ހޯރަފުށި، ހއ. ފިއްލަދޫ ފަދަ ރަށްރަށުން ވެސް މީހުން ޖަލްސާއަށް ބައިވެރިވުމަށް މާލެ އައިސްފައިވެއެވެ. އެ ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން ޖަލްސާ އަށް ދާނީ ގައުމުގެ މިސްރާބު ރަނގަޅަށް ދާ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
ކޮމެންޓު ފޮނުވާ