ހުޅަނގު އައްސޭރީގައި މިސްކިތަކަށް އިސްރާއީލް ވަޒަންވެރިން ހަމަލާދީ ރޯކޮށްލައިފި

ހުޅަނގު އައްސޭރީގައި މިސްކިތަކަށް އިސްރާއީލް ވަޒަންވެރިން ހަމަލާދީ ރޯކޮށްލައިފި

Author
އަހުމަދު
14 ނޮވެމްބަރ 2025 11:21
0

ހުޅަނގު އައްސޭރީގެ ދެއިރު އިސްތިޔާ ވިލެޖްގައި ހުންނަ ޙާއްޖާ ޙަމީދާ މިސްކިތަށް އިސްރާއީލްގެ ވަޒަންވެރިން ހަމަލާދީ އަންދާލާފައިވާތީ ބައިނަލްއަޤްވާމީ ފެންވަރުގައި ވަނީ ހަރުކަށި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ފަތިހުގައި ހިންގި މި ހަމަލާގައި މިސްކިތުގެ ތެރޭގައި އަލިފާން ރޯކޮށް، ފާރުތަކުގައި ނަސްލީ ޝިޢާރުތައް ލިޔެ، ޤުރުއާންގެ ކޮޕީތަކެއް ވެސް ވަނީ ރޯ ކޮށްލާފައެވެ.

ފަލަސްތީނުގެ ދީނީ ވުޒާރާއިން މިކަން "ނުބައި ޖަރީމާއެއް" ގެ ގޮތުގައި ކުށްވެރިކުރާއިރު، އދ. އިން ބުނީ މިފަދަ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށާއި ޖަރީމާ ހިންގި މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަކީ އިސްރާއީލުގެ ޒިންމާ ކަމަށެވެ. އުރުދުނާއި ޖަރުމަނާއި ސްވިޓްޒަލޭންޑުން ވެސް ވަނީ މި ހާދިސާ ތަޙުޤީޤުކޮށް އަދަބު ދިނުމަށް ގޮވާލާފައެވެ.

އދ. ގެ އިންސާނީ އެހީގެ އޮފީހުން ހާމަކުރި ގޮތުގައި މި އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން ވަޒަންވެރިންގެ 167 ހަމަލާ ރިޕޯޓުކުރެވިފައިވާއިރު، މި ހަމަލާތަކުގައި 150 އަށްވުރެ ގިނަ ބަޔަކަށް އަނިޔާވެ 5,700 އަށްވުރެ ގިނަ ޒައިތޫނި ގަސް ވަނީ ހަލާކުވެފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ޢުދުވާންތައް އިތުރުވަމުންދަނީ ޣައްޒާގެ ހަނގުރާމައިގެ އެހީގައި، އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އެއްބާރުލުމާއެކު ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން ގޮވާލާގޮތުގައި، ބައިނަލްއަޤްވާމީ ލީޑަރުން އަނގައިން ބުނުމުގެ ބަދަލުގައި ޢަމަލީ ފިޔަވަޅުތައް އަޅައި، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.