އައްޑޫ ފްލައިންގ ސްކޫލުގެ ނުފެންނަ ފަރާތް

އައްޑޫ ފްލައިންގ ސްކޫލުގެ ނުފެންނަ ފަރާތް

ގުޅުންހުރި

ކޮންމެ މައެއް އަދި ބަފައެއްގެވެސް ހުވަފެނަކީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. މިގޮތުން ފުރަތަމަ އަޅަންޖެހޭ ބިންގަލަކީ ރަނގަޅު ތަޢުލީމެއް ހޯދައިދިނުމެވެ. އެއީ ރަނގަޅު ވަޒީފާއެއް ހޯދާދިނުމުގެ ނިޔަތުގައެވެ. ބުރަ މަސައްކަތުން ލިބޭ ކުޑަ އާމްދަނީއަކުން ފަހަށް ރައްކާކޮށްގެން ނުނީ ދަރަންޏަށް ލޯނު ނަގައިގެން ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދާދިނުމުގައި މަސައްކަތް ނުކުރާނެ އެއްވެސް މައެއް ބަފައެއް ނުހުންނާނެއެވެ.

ދަރިން ކިޔަވައިގެން ޑޮކްޓަރުންނަށް، އިންޖިނޭރުންނަށް ނޫނީ ޕައިލެޓުންނަށް ވުމަށް ނޭދޭނީ ކާކުހެވެ. ރާއްޖޭގައި ފްލައިންގ ސްކޫލެއް އުފެދުމުން ޕައިލެޓްކަން ކިޔަވަން ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި އައްޑޫގައި ޕައިލެޓްކަން ކިޔެވޭގޮތަށް ހަމަޖެހިގެންދިއުމަކީ، ދަރިންނަށް އުޖާލާ މުސްތަގުބަލެއް ހޯދާދިނުމަށް އެދިއެދި ތިބި އެތަކެއް މައިންބަފައިންގެ ފޮނިއުންމީދުތައް އާވެގެން ދިޔަކަމެކެވެ.

މިގޮތުން ދަރިންނަށް ޕައިލެޓްކަން ކިޔަވައިދިނުމަށް ޝައުގުވެރިވެގެން ތިބި ގިނަ އާއިލާތަކަކުން ފާއިތުވި 10 އަހަރެއްހާ ދުވަހު ގެންދިޔައީ މި ފްލައިންގ ސްކޫލުގައި ދަރިން އެންރޯލްކޮށް ކިޔަވައި ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކަން ހިގާފައިވާ ގޮތާއި ޙާލަތު:

ނަމަވެސް ކަންހިނގަމުން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. އައްޑޫ ފްލައިންގް ސްކޫލުން 18 މަހުން ކިޔަވައިދޭންބުނާ ޕައިލެޓްކަން އެސްކޫލުން ނިންމާދެނީ 4 އަހަރު ދިގުދަންމާލައިގެނެވެ. އަދި ކޮންމެ ކުއްޖެއްގެ އަތުން 40 ހާސް އެމެރިކާ ޑޮލަރު ނަގާއިގެން، 4 އަހަރު ނިމޭއިރު އާއިލާ އޮންނަނީ އެއްކޮށް ދަރާވިކިފައެވެ. ނޫނީ ސަލާމަތްނުވާ ވަރުގެ ބޮޑު ލޯނެއް ބޮލުގައި އެޅިފައެވެ.

މި ސްކޫލުގައި ކިޔަވާ، ރާއްޖޭން ބޭރުގެ ދަރިވަރުންނަށާއި ފޯރާފަށުގެ އާއިލާތަކުގެ ދަރިވަރުންނަށް އޮންނަނީ ތަފާތު ގޮތްތަކެވެ. އެއީ އިތުރަށް ފައިސާ ދިނުމަކީ އެފަދަ ދަރިވަރުންނަށް އުނދަގޫކަމަކަށް ނުވާތީވެ މުއްސަނދި މީހާއަށް މޮޅުގޮތެވެ. ނިކަމެތި މީހާއަށް ނިކަމެތި ގޮތެވެ. ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެސްކޫލުން ކުރިމަތިކުރަމުން ގެންދާ ދުއްތުރާއި ދަތިތަކުގެ އަސަރުގަދަ ވާހަކަތައް ނޫސްތަކުންނާއި ސޯޝަލް މީޑިއާއިން ފެންނަމުން ގޮސްފައިވަނީ ވެސް މަދެއްކޮށެއް ނޫނެވެ.

ފްލައިންގ ސްކޫލުގައި ގެންގުޅޭ އެއް އިންޖީނުގެ ސެސްނާ ކުދި މަތިންދާ ބޯޓުތަކަކީ ކެނެޑާއިން 15 ހާސް އެމެރިކާ ޑޮލަރަށް ގަންނަންލިބޭ މަތިންދާބޯޓުތަކެއް ކަމަށްވެއެވެ. މިސްކޫލުގައި މިހާރު 11 ވަރަކަށް މަތިންދާބޯޓު އޮންނައިރު ރަނގަޅަށް ދުއްވޭ ފެންވަރުގައި އޮންނަނީ ދެތިން ބޯޓެވެ. ގިނަ ބޯޓުތަކަކީ އަބަދުވެސް ބޮޑެތި މަރާމާތު ކުރަންޖެހިފައިވާ ބޯޓުތަކަކަށް ވާއިރު، ބޯޓުތައް މަރާމާތު ކުރަނީވެސް އިންޓަރނޭޝަނަލް ސްޓޭންޑަޑްތަކާ ޚިލާފަށް، ސާރޓިފައިޑް އިންޖިނިއަރެއްނެތި އަމިއްލަ އަމިއްލައަށްކަމުގެ ޝަކުވާތައް އިންތިހާ ދަރިވަރުންނާ އަދި ކަމުގެ މައުލޫމާޓުހުރި އެތައްބަޔަކު ކޮށްފައި ވެއެވެ.

ފްލައިންގ ސްކޫލުގެ ސަލާމަތާ ރައްކާތެރި ކަމުގެ މިންވަރު ދަށްވެ މިސްކޫލު ގަވައިދުން އިންސްޕެކްޓް ކުރުމުގައި ސިވިލްއޭވިއޭޝަން އޮތޯރިޓީ ވެސްވަނީ ބޮޑުތަނުން ފެއިލްވެފަައި ކަމާ ގުޅުންހުރި ފަރާތްތަކުން ބުނެއެވެ. ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ފެންވަރު ކަށަވަރު ކުރެވިފައި ނުވާއިރު، ކިޔަވާ ކުދިންނަށް އިންސްޓްރަކްޓަރުން ތިބެންޖެހޭ ރޭޝިއޯވެސް ބެލެހެއްޓިފައެއް ނުވާކަމަށް ވެއެވެ. ޔަގީނުންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީކީ ރަށެއްގައި ހިންގާ ޓިއުޝަން ކުލާހެއް ނޫން ކަމެވެ.

ސްކޫލުގެ ޚިދުމަތް ވުޖޫދަށް ގެނައީ ސަރުކާރުގެ ދީލަތި އެހީތެރި ކަމާއެކު:

މީގެ 10 އަހަރުކުރިން ފެށުނު މިސްކޫލުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދީފައިވާ ތަރުހީބަކީ އައްޑޫ އެއަރޕޯޓުގައި ހުރި ސެނގަރުތަކާއި ސްކޫލު ހިންގާނޭ ޢިމާރާތްތައް ރަމްޒީ ކުއްޔަކަށް ހަމަޖައްސައި ދިނުމެވެ. އަދި ސަރުކާރާއެކު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ ހުރިހާ ޝަރުތުތައްވެސްވަނީ ލުއިކޮށްދީފައެވެ. ދަރިވަރުންގެ ފްލައިންގ ލެސަންތަކުގައި އައްޑޫން ކައިރި އެއަރޕޯޓުތަކަށް އުދުހުމުގައިވެސް އެއްވެސް ފީއެއް ނުނަގާގޮތަށް އުސޫލެއްނެތި ހަމަޖައްސާދީފައި ވެއެވެ. މަގުސަދަކީ، ރާއްޖޭގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔެވޭނޭގޮތް ތަނަވަސްކޮށްދިނުމަށްޓަކާ ސްކޫލަށް އެހީތެރި ވެދިނުމެވެ. ރާއްޖޭގައި ހިންގާ ސްކޫލަކުން ޑޮލަރުން ފީނެގުމަކީ މުޅިން މަނާކަމެއް ކަމުގައި ވީނަމަވެސް، ސަރުކާރުންވަނީ ސްކޫލުގެ ޑިމާންޑުތަކާ އެއްގޮތަށް ދަރިވަރުންގެ ފީ ޑޮލަރުން ދެއްކޭނެ އިންތިޒާމް ބޭންކް މެދުވެރިކޮށްވެސް ހަމަޖައްސާދީފައެވެ.

ނަމަވެސް ސްކޫލުން ގެންދިޔައީ ގެއްލުންވާ ކަމަށް ބުނެ މިލިއަނުން ފައިދާ ނަގަމުންނެވެ. އަދި މިވަރުން ނުވެގެން ސްކޫލުގައި ކިޔަވާ ދަރިވަރުން އައްޑޫގެ ގޭގެއިން ކޮޓަރި ކުއްޔަށް ހިފައިގެން ތިބިތިބުންވެސް ހުއްޓުވާ، އެއަރޕޯޓުން ނުއަގުގައި އިމާރާތްތައް ހޯދާ، ކިޔަވާ ކުދިން އެތަންތަނުގައި ތިބެންޖެހޭ ގޮތަށް ހަމަޖައްސާ، އައްޑޫ ރައްޔިތުންނަށް ލިބެމުންދިޔަ އެ ފައިދާވެސް ސްކޫލަށް ލިބޭގޮތް ހަދާ، އައްޑޫ ރައްޔިތުންނަށް މިވަސީލަތުން ލިބެމުންއައި ކުޑަ ފައިދާކޮޅުންވެސް ވަނީ މަހުރޫމު ކޮށްފައެވެ.

މި ސްކޫލު ހިންގުމުގައި އައްޑޫގައި މިސްކޫލުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ނުވާއިރު މިފަދަ ބޮޑު ގުރުބާނީއެއް ސަރުކާރުން ވަމުންދަނީ ކިއްވެބާއެވެ؟ އަދި މިސްކޫލޫން އަމަލުކުރަމުން ދާގޮތުގެ ސަބަބުން ދިވެހި އެތައް އާއިލާއަކަށް ހިތްދަތި އަސަރުތަކާ މާލީ ގެއްލުންތައް ލިބެމުންދާއިރު މިކަމާ އަޅާނުލަނީ ކީއްވެބާއެވެ؟ މިސްކޫލުގައި ކިޔަވަމުންދާ 200 އެއްހާ ދަރިވަރުންގެ އާދޭސްތަކުގެ އަޑު ނާހަނީ ކީއްވެބާއެވެ؟ ނުވަތަ ރާއްޖޭގައި، ކުންފުންޏަކުން ކުރަމުންދާ ވިޔަފާރިއަކުން، ދިވެހި އާއިލާތަކާއި ދޭތެރޭ އިހާނާތްތެރިކޮށް ހިތަމުންދާއިރު، މިމައްސަލައަށް ހައްލެއް ހޯދުމުގައި ދިވެހި ސަރުކާރު މިއަދާ ހަމައަށް ނުކުޅެދިފައިވަނީ ކޮން ސަބަބަކާ ހެދިތޯއެވެ؟

ހިއްސާދާރުން ނުވަތަ އިސް ވެރިންނަކީ ކޮންބައެއް؟

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ނަމުގައި އައްޑޫގައި ހިންގަމުންދާ ފްލައިންގ ސްކޫލަކީ ސްރީލަންކާގެ ޢާއިލާއަކަށް ނިސްބަތްވާ އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީ އާއި ނާޒްނީން ޖީވަންޖީ އާއި ފަރިދާ ޖީވަންޖީ އާއި އިމްރާން އަލީ އަކްބަރ ޖީވަންޖީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގާ ސްކޫލެކެވެ. މިއީ ޖީވަންޖީގެ ޢާއިލީ ވިޔަފާރީއެކެވެ.

މިސްކޫލް އައްޑޫ އެއަރޕޯޓުގައި ގާއިމުކުރުމަށް މަގުފަހިކޮށްދީފައިވަނީ އައްޑޫއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރާއި އޭނާގެ ޅިޔަނު އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝާހިދާއި، ސިވިލްއޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލެވެ. މި ކުންފުނި އުފައްދާ، ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައިވެސް ފުރަތަމަ ހަމަޖައްސާފައިވަނީ އަހުމަދު ޝާހިދުއެވެ.

މިސްކޫލް ހިންގަމުން އަންނަނީ، ސަރުކާރުގެ ތެރެއިންވެސް މިސްކޫލުގެ މެނޭޖްމަންޓަށް ލުއިފަސޭހަކަން ލިބިގެންދާނެ ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިގެންކަން އިގޭ އެއްކަމަކީ، ސްޓޭޓް މިނިސްޓަރ ޒުހައިރުގެ ދޮށީ ދަރިކަލުން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޗެއަރމަންކަމަށް ހަމަޖައްސާފައި ވުމުންނެވެ. އަދި އެއަރޕޯޓު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށްވެސް ހަމަޖައްސާފައިވަނީ ޒުހައިރުގެ ތިމާގެ ބޭފުޅެކެވެ.

އަދި މީގެ އިތުރުން، މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްޓޭޓް މިނިސްޓަރ ޒުހޭރާއި ދެބަފައިން އިސްކޮށް ތިއްބަވައިގެން ފްލައިންގ ސްކޫލްގެ ބޯޓުތައް ބޭނުންކުރާގޮތަށް ސްކައި ސްކައި ޑައިވް މޯލްޑިވްސްގެ ނަމުގައި އެ ސްކޫލުންވަނީ ފިޔަފާރިއެއްވެސް ރަޖިސްޓްރީ ކޮށްފައެވެ.

މިސްކޫލުގެ ވިޔަފާރި ބައްޓަން ކުރެވިފައިވާ ގޮތަށް ބަލާއިރު، ދެވޭ ޚިދުމަތަށްވުރެ ބޮޑަށް، ލިބުނު ފުރުސަތުގައި ލިބެން އޮތްގޮތަކަށް ވިޔަފާރީގެ ނަފާ ހޯދައިގަތުމަށް، ސްކޫލާއި ސްކޫލުގެ ހިއްސާދާރުންގެ އިތުރުން، ސްކޫލުގެ ވިޔަފާރީގެ މަސްލަހަތު އޮތް ހުރިހާ ފަރާތަކުންވެސް އަމާޒު ހިފާފައިވާތަން ވަރަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ. އެހެންކަމުން، މިސްކޫލުން، ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް، އެސްކޫލުގައި ކިޔަވާ ދަރިވަރުންނަށާއި އަދި ގައުމަށް ފައިދާހުރި އެހީތެެރިކަމެއް ފޯރުކޮށްދީފާނެ ކަމަށް ވިސްނުމުގެ ފުރުސަތެއް އެބައޮތްތޯއެވެ؟

ކުރިން އެގިފަ ނެތް އިތުރު އެތައްކަމެއް:

މި ފްލައިންގ ސްކޫލުން ރާއްޖޭގައި ރަޖިސްޓްރީކޮށް އެކަށީގެންވާ ޚިދުމަތެއް ދެމުން ނުދަނީ ކީއްވެގެންބާއޭ މިސުވާލަކީ ގިނަ ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. ބޮޑު އަދަދުން ޑޮލަރުން ދިވެހި ދަރިންގެ އަތުން ފައިސާ ނަގާ އައްޑޫ އެއަރޕޯޓުގެ ވަސީލަތްތައް ބޭނުން ކުރަމުން ދާއިރުވެސް ސްކޫލުގެ ކަންތައްތައް ރަނގަޅު ނުކުރެވެނީ ކީއްވެގެންބާއޭ ސުވާލު އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި ފްލައިންގ ސްކޫލުގެ ހިއްސާ ދާރެއް ކަމުގައިވާ އިމްރާން އަލީ އަކްބަރު ޖީވަންޖީ އަކީ 2016 ވަނަ އަހަރު ލީކްކޮށްލި މަޝްހޫރު ޕެނަމާ ޕޭޕާރސްގެ ތެރޭގައި ހިމެނޭ އޮފްޝޯރ ކުންފުންޏެއް ކަމުގައިވާ އެއަރލިންކް ވޯރލްޑް ގެ ހިއްސާދާރު އަދި ޑައިރެކްޓަރެއް ކަމަށްވެސް ބުނެވެއެވެ. ޕެނެމާ ޕޭޕާރސްގައި ހިމެނީ އޮފްޝޯރ ކުންފުނިތަކަކީ ނޭއްގާނީ ބޮޑެތި ކަންތަކެއް ހިންގުމަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއްކަމަށް، މި ޕޭޕަރުތައް ލީކުކުރި ޖަރުމަނުގެ ދެ ލޯޔަރުން ކަމުގައިވާ މޮސަކް އާއި ފޮންސެކާ ތުހުމަތު ކޮށްފައިވެއެވެ. މީގެ ތެރޭގައި މަނީ ލޯންޑަރ ކުރުމާއި، ޑްރަގް ޓްރެފިކް ކުރުންފަދަ ބޮޑެތި ޖަރީމާތައް ހިމެނޭކަމަށްވެސް އޭނާ ތުހުމަތު ކޮށްފައިވެއެވެ.

ޕެނަމާ ޕޭޕާރސްގެ ތެރޭގައި ހިމެނޭ ކުންފުންޏެއް ކަމަށް ބުނާ ކުންފުންޏެއްގެ ހިއްސާދާރަކު، ގެއްލުން ވަމުންދާ ފްލައިންގ ސްކޫލެއް ރާއްޖޭގައި ހިންގުމުގައި މިހާ ވަރުގަދަޔަށް މަސައްކަތް ކުރަމުންދަނީ ކީއްވެބާއޭ މިއީ ކޮށްލުން އެންމެ ރަގަޅު ސުވާލެކެވެ. އަދި ފްލައިންގ ސްކޫލު އެތަނެއްގައި ހިންގަމުންދާ، އެއަރޕޯޓުގެ މެނޭޖިންގ ޑިރެކްޓަރުން ފެށިގެން ކުންފުނީގެ ބޯޑުވެސް، ސްޓޭޓް މިނިސްޓަރގެ ކޮންޓްރޯލް ފޯރާބީދައަކުން މިއޮންނަންޖެހެނީ ކީއްވެގެން ބާއޭ މިއީވެސް ކޮށްލުން އައުލާވެގެންވާ ސުވާލެކެވެ. ބައެއް ފަރާތްތަކުން ބުނާ ކުރާގޮތުގައި، ފްލައިން ސްކޫލު ހިންގާ ކުންފުންޏާއި ގުޅުން ހުރި، އިސްވެ ދެންނެވުނު ބައެއް ފަރާތްތަކުން ލެއިޝަރ ކާގޯގެ ނަމުގައި ކުންފުންޏެއް ރަޖިސްޓީކޮށް ވިޔަފާރި ކުރަމުން ވެސް ދެއެވެ.

ކޮންމެއަކަށް ފްލައިން ސްކޫލުގެ މައްސަލައަކީ ހައްލުވާން ޖެހޭ މައްސަލައެކެވެ. މިސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކރުިމަތިވެފައިވާ މައްސަލަތަކަށް ކަމާ ގުޅުންހުރި މުވައްސަސާތަކުން ހައްލު ހޯއްދަވާ ދެއްވަން އެބަޖެހެއެވެ. މި ސްކޫލުން ކުރަމުންދާ ވިޔަފާރިއަކީ މުޅިން ތަފާތު މައްސަލައެކެވެ. ދިވެހި ދަރިވަރުންތަކެއްގެ ހައްގު ގެއްލިގެންދާނަމަ، އެވާހަކަ ދެކެވެން ޖެހެއެވެ. ކަމުގެ އެކޮޅު މިކޮޅު ހޯދާ ބަލަންވެސް ޖެހެއެވެ. އެއީ ހުރިހާ އެންމެންގެވެސް ޒިންމާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ދެން ޒުހައިރު މެންނަށް ގެއްލުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެ ބިލިއަނުން ޑޮލަރު ދީ……..ޚަލާޞް ނިމުނީ. ނިމޭނީ އެގޮތަށް.ވަގުގަ ވަގު ހިފާނީ.

Leave a Reply

Your email address will not be published. Required fields are marked *