ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމުގެ ވާހަކަ ދައްކަވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމުގެ ވާހަކަ ދައްކަވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

Author
ހުސައިން
13 ނޮވެމްބަރ 2025 04:19
0

ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނައިރު އަދިވެސް ލާމަރުކަޒީ ގާނޫނަށް ގެންނާނެ ކަމަށް ބުނާ އިސްލާހުތައް ހާމަނުކުރާތީ އިންތިޚާބަށް ނުފޫޒު ފޯރުވައި އޮޅުވާލަން ސަރުކާރުން ރާވަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނާ އިއްޔެ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް މަސައްކަތްކުރި އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަތޮޅު ކައުންސިލްތައް އުވައިލުމާއި ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދައްކަވާ ނަމަވެސް އެ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފައި ނުވާކަމަށެވެ. އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ޚިޔާލަށް ހުޅުވާލައިފައި ވެސް ނުވާކަން އެ ޕާޓީން ފާހަގަކުރިއެވެ.

ކޮން ބަދަލުތަކެއްކަން ސާފުވެފައި ނުވާތީ އެމްޑީޕީއާއި އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށް އެ ޕާޓީން ބުންޏެވެ. ސިޓީތަކުގައި އެކުލެވޭ ދާއިރާތައް ކަނޑައަޅައިފައި ނުވާތީ ޕްރައިމަރީ ބާއްވާ ފަހުން އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހިދާނެ ހާލަތެއް ދިމާވާނެކަން ވެސް ފާހަގަކުރިއެވެ.

އީސީއާމެދު ކަންބޮޑުވުން ހިއްސާކުރުމުން، ސަރުކާރުން ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގާފައި ނުވާކަމަށް އެމްޑީޕީން ބުންޏެވެ. މިއީ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން އިންތިޚާބީ ދާއިރާތަކާއި ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް އިންތިޚާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އިންތިޚާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވައިލިއެވެ. މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލައި ކުދި ރަށްތަކުގެ ކައުންސިލް ސައިޒު ކުޑަކުރާނެކަމަށާއި 2،000 މީހުންނަށް ވުރެ ކުޑަ ރަށްތަކުގައި ތިން ކައުންސިލަރުންނާއި ބޮޑު އާބާދީތަކުގައި ފަސް ކައުންސިލަރުން ތިބޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.