ބައި ޤަރުނަށްވުރެ ދިގު ޚިދުމަތަށް، ޞާލިޙަށް ދައުލަތުގެ އިއްޒަތް

ބައި ޤަރުނަށްވުރެ ދިގު ޚިދުމަތަށް، ޞާލިޙަށް ދައުލަތުގެ އިއްޒަތް

Author
ޙަސަން މުޙައްމަދު
11 ނޮވެމްބަރ 2025 10:17
0

ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމަށް ބައި ޤަރުނަށްވުރެ ދިގު މުއްދަތަކަށް ކޮށްދެއްވި ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އައްޑޫ ހުޅުދޫގެ މުޙައްމަދު ޞާލިޙަށް ދިވެހި ދައުލަތުގެ ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މި ޝަރަފު އަރުވަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ އިޤްތިޞާދު ބިނާކުރުމަށާއި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވުމަށް ޞާލިޙް ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވާފައެވެ.

1951 ވަނަ އަހަރު އައްޑޫގައި ހުރި ރޯޔަލް އެއަރފޯސްގައި ޚިދުމަތް ފެށި ޞާލިޙް އެންމެ ފުރަތަމަ އަލްޓަރފްގެ ނަމުގައި ކުންފުންޏެއް އުފައްދަވާ ފަތުރުވެރިކަމުގެ ދާއިރާއިން ޚިދުމަތް ފައްޓަވާފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ތަޢާރަފްކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

2000 ވަނަ އަހަރު ދަމާސް އުފައްދަވާ ވިޔަފާރި ފުޅާކުރެއްވި ޞާލިޙްވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ގެނައުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރކަން ކުރެއްވުމުގެ އިތުރުން އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްވެސް މަސައްކަތްކުރެއްވިއެވެ. ސަރކްގެ ވިޔަފާރިވެރިންނާ ދިވެހި ވިޔަފާރިވެރިން ތަޢާރަފްކޮށްދެއްވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

2012 ވަނަ އަހަރު މެޑިކާގެ ނަމުގައި ސިއްޙީ ޚިދުމަތް ފައްޓަވި ޞާލިޙްވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރެއްވުމާއި ސްކޫލްތަކުގައި ނަމާދުގެތައް ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކޮށްދެއްވާފައެވެ. ވިޔަފާރިއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް 2022 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ފަތުރުވެރިކަމުގެ 50 އަހަރު ފާހަގަކުރެއްވުމަށް ޕްރެޒިޑެންޓްސް ޓުރިޒަމް ގޯލްޑް އެވޯޑުވެސް ލިބިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.