އިނގިރޭސި ވިލާތުގެ މަޝްހޫރު ފަތުރުވެރިކަމުގެ މަޖައްލާ ވޮންޑާލަސްޓްގެ ކިޔުންތެރިން ވޯޓުދީގެން ހޮވާ ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެންމެ މަގްބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއިން ހޯދައިފިއެވެ. ލަންޑަން ނެޝަނަލް ގެލަރީގައި ނޮވެމްބަރު 5 ވަނަ ދުވަހު ބޭއްވި ކުލަގަދަ ހަފްލާގައި މި އެވޯޑް ގަބޫލު ކުރެއްވީ ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ.
ވޯލްޑް ޓްރެވަލް މާޓް 2025 ގެ ހަވާސާގައި ކުރިއަށްދިޔަ މި ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ މަގްބޫލު މަންޒިލްތަކަށް 22 ކެޓަގަރީއަކުން އެވޯޑު ދީފައިވެއެވެ. މިއަހަރު 4.8 މިލިއަން ވޯޓާއެކު ރާއްޖެ ހޯދި މި ކާމިޔާބީ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބާމިއުޑާ ފަދަ މަޝްހޫރު މަންޒިލްތަކާއެވެ.
އެވޯޑް ލިބުމުން ޝިއުރީ ވިދާޅުވީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒަކީ މިއީ ކަމަށެވެ. މިއީ ސީދާ ކިޔުންތެރިންނާއި ފަތުރުވެރިންގެ ވޯޓުން ހޮވޭ އެވޯޑެއްކަމުން ވިލާތުގައި ރާއްޖެއަށް އޮތް ލޯތްބާއި މަގްބޫލުކަން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު 24 ވަނަ ބާބު ގުނަމުންދާ މި އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ގަދަރުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ.
ކޮމެންޓު ފޮނުވާ