70 ކިލޯގެ މަސްތުވާތަކެތީގެ ބޮޑެއް ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލައިފި

70 ކިލޯގެ މަސްތުވާތަކެތީގެ ބޮޑެއް ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލައިފި

Author
ޙަސަން މުޙައްމަދު
09 ނޮވެމްބަރ 2025 08:23
0

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަންނަން ދެކޮޅު ހަދައިފިއެވެ. މިހާރު ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝީދު ދޫކޮށްލި މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން މިއަދު ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ.

ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ. އޭނާއަކީ 2019 ވަނަ އަހަރު އީރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރި މީހެކެވެ. އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 172 މޭލު ބޭރުން އަތުލައިގަތް "އަލްޝަބާން" ނަމަކަށް ކިޔާ އީރާނުގެ ބޯޓުގައި މި ޑްރަގް ފެނުނު މައްސަލައިގައި ދިވެހިންނާއި، އީރާން އަދި ބަންގްލަދޭޝުގެ 13 މީހުން ހައްޔަރުކޮށްފައިވެއެވެ.

ގާޒީ ފާއިޒް އަންވަރު ދޫކޮށްލީ ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސްކަމަށް ބުނެއެވެ. އެގޮތުން އަންވަރު ހައްޔަރުކުރުމުގެ އަމުރު އޮވެފައި ވަނިކޮށް، އަމުރުގައިވާ ގޮތަށް އަމަލު ނުކުރައްވައި، އޭނާ ހައްޔަރުކުރުމަށް ފަހު އޭނާގެ ތަންތަން ބަލައި ފާސްކޮށްފައިވާކަން ފާއިޒް ފާހަގަކުރެއްވިއެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ނުފެނުނު ކަމަށްވެސް ބުނެފައިވެއެވެ.

އަންވަރު ދޫކޮށްލީ އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު އެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތިއެވެ. ދޫވުމުން އޭނާ ފުރައިގެން ދިޔައީ ލަންކާއަށެވެ. ނަމަވެސް ލަންކާއަށް ވަދެވޭނެ ހުއްދަ ނުލިބި އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމުން އަލުން ވަނީ ހައްޔަރުކޮށްފައެވެ. ގާޒީ ފާއިޒް މިހާރު ސަސްޕެންޑްކޮށްފައި ހުރިއިރު، އޭނާއާ ދެކޮޅަށް ޖޭއެސްސީގައި ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި މި މައްސަލަވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.