ކައުންސިލް އިމާރާތްތައް އިމާރާތްކުރުން މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތަކެއް އެކުލަވާލަނީ

ކައުންސިލް އިމާރާތްތައް އިމާރާތްކުރުން މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތަކެއް އެކުލަވާލަނީ

Author
ހުސައިން
08 ނޮވެމްބަރ 2025 08:14
0

ރާއްޖޭގެ ރަށްރަށުގައި ކައުންސިލް އިދާރާތައް ހިންގަން އަޅަމުންދާ އިމާރާތްތަކުގެ ފެންވަރު ބެލުމަށް ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް ގާތުން މޮނިޓާކުރުމަށްޓަކައި ކޮންމެ ރަށެއްގައިވެސް ރަށުގެ އެކި ފަރާތްތައް ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ. މި ކޮމިޓީތައް އެކުލަވާލާނީ ރަށު ކައުންސިލް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށު ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މަސްލަހަތު އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.

ކައުންސިލް އިދާރާތަކުގެ އުމްރާނީ މަސައްކަތާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް 9108899 އަށް ގުޅުމުން އެހީތެރިވެދޭނެ ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ބުނެފައިވެއެވެ. މި ސަރުކާރުން 100 އަށް ވުރެ ގިނަ ރަށުގައި ކައުންސިލް އިދާރާތަކަށް އާ އިމާރާތްތައް އެޅުމަށް ވަނީ ރޭވުމެއް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.