ހުކުރު ދުވަހުގެ ޖަލްސާއިން ސިޔާސީ މަސްރަޙު ސާފުވެގެންދާނެ: އަބްދުއްރަހީމް

ހުކުރު ދުވަހުގެ ޖަލްސާއިން ސިޔާސީ މަސްރަޙު ސާފުވެގެންދާނެ: އަބްދުއްރަހީމް

Author
ހުސައިން
08 ނޮވެމްބަރ 2025 02:10
0

މި އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއިން ރާއްޖޭގެ ސިޔާސީ މަސްރަހު ސާފުކޮށް ފެންނަމުންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ދިވެހި ރައްޔިތުން ތިބިކަން ދައްކުވައިދިނުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއަދު ހެނދުނު ޕީއެންސީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައްޔިތުން މި ޖަލްސާއަށް އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އާ އުންމީދަކާއެކު ކަމަށެވެ.

ރައްޔިތުން އަންނަނީ އެއްވެސް އޮޅުމެއްގައި ނޫން ކަމަށާއި، ކަން ހިނގާ މަގު އެނގި، މި ވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވިގެން އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ޖަލްސާގެ ތެރެއިން ރައްޔިތުންނަށް އުންމީދު ލިބިގެންދާނެ އިތުރު ކަންތައްތަކެއް އިއުލާނުކުރެވިގެންދާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަފުޅުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާމަކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުތައް ފާއިތުވި ހަފުތާ ނިމިފައިވާ ކަމަށާއި، އެ ދަތުރުފުޅުތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.