މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސްގެ ޗީފް ފައިނޭންޝަލް އޮފިސަރު ހައްވާ ފަޖުވާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އޭނާގެ ލިންކްޑިން އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުން ނިންމެވީ ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށެވެ. ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ފަޖުވާ، ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމަށް އައްޔަނުކުރީ 2023 އޮކްޓޯބަރުގައި، ކުރީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓަންޓުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މި އިސްތިއުފާ އައީ، މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. މި މައްސަލާގައި، ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފަ އެވެ.
ސަރުކާރުން ވިސްނާފައި ވަނީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެން، ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރަން ފައިސާ ހޯދުމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ އިތުރު ބޮންޑެއް ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅައިފަ އެވެ.
މި މުއާމަލާތާ ގުޅިގެން ކަންބޮޑުވުންތައް ފެންމަތިވެފައިވާއިރު، ފިނޭންސް މިނިސްޓްރީން ބުނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށާއި، ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށެވެ. މިއީ ރޭވިގެންވާ ހިންގާ “އިންވެސްޓްމަންޓް އެރޭންޖްމަންޓެއް” ކަމަށާއި، އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި ސަރުކާރުގެ އިންސްޓްރޫމަންޓެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ