މާލޭ، އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މުވައްޒަފުން މަރުވި ހާދިސާއާ ގުޅިގެން، މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ހާދިސާގައި ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ހަ މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދެ މީހަކު ނިޔާވިއެވެ. މަރުވި މީހުންނަކީ، ދިވެހި ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ އާއި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މަސޫދު ހޮސައިނެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު މަސޫދު ނިޔާވިއިރު، އަފްލާހު ނިޔާވީ އެ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ހާދިސާއާ ގުޅިގެން ތައުޒިޔާ ވިދާޅުވެ، އަނިޔާވި އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، މަރުވި މީހުންނަށް ސުވަރުގެ މިންވަރު ކުރެއްވުމަށް ދުއާ ކުރެއްވިއެވެ. އަދި، މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަން ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން މިހާރު ތަހުގީގު ކުރަމުންދާއިރު، މިދިޔަ މަހު މެދުތެރޭގައި ވެސް މޫސުން ގޯސްވެ ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.


