އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަން ކޮންމެ މެންބަރަކަށް 22 މިނެޓުގެ ފުރުސަތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. ބަޖެޓަށް ބަހުސް ކުރެއްވުމަށް 15 މިނެޓާއި ބަޖެޓު ރިޕޯޓަށް ބަހުސް ކުރެއްވުމަށް 7 މިނެޓުގެ ފުރުސަތު މެންބަރުންނަށް ލިބޭނެ އެވެ. މީގެ އިތުރުން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް 45 މިނެޓުގެ ފުރުސަތެއް ވެސް ދެވޭނެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އާމްދަނީއަކީ 43 ބިލިއަން ރުފިޔާއަށް ވާއިރު، ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ. ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދުތަކަށް ކަނޑައަޅާފައިވާ 39.9 ބިލިއަން ރުފިޔާއެވެ.


