ވީއައިއޭ އައު ޓާމިނަލް 18 އެއާލައިނަކުން ބޭނުންކުރަން ފަށައިފި

ވީއައިއޭ އައު ޓާމިނަލް 18 އެއާލައިނަކުން ބޭނުންކުރަން ފަށައިފި

Author
ހުސައިން
02 ނޮވެމްބަރ 2025 03:08
0

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ހިދުމަތް 18 އެއާލައިނަކުން ބޭނުންކުރަން ފަށާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި އައު ޓާމިނަލްގެ ހިދުމަތް ފުރަތަމަ ހޯދީ ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. އޭގެ ފަހުން ދަނީ ވަކިވަކިން އެއާލައިނުން ޓާމިނަލް ވަން ބޭނުންކުރަން ފަށަމުންނެވެ. އެންމެ ފަހުން އައު ޓާމިނަލް ބޭނުންކުރަން ފެށީ އިންޑިއާގެ ޤައުމީ އެއާލައިން އެއާ އިންޑިއާއިންނެވެ.

އައު ޓާމިނަލް ބޭނުންކުރާ އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް، އިންޑިގޯ، ގަލްފް އެއާ، މެލޭޝިއާ އެއާ، ސައުދިއާ، ޗޮންޗިން އެއާ، ބްރިޓީޝް އެއާވޭސް، ވާޖިން އެޓްލާންޓިކް، އަޒަރުބައިޖާން އެއާ އަދި އެއާ އިންޑިއާ ހިމެނެއެވެ. ނަމަވެސް ސްރީލަންކަން އެއާލައިން، އެމިރޭޓްސް އަދި އިއްތިހާދު ފަދަ ބައެއް މުހިންމު އެއާލައިންތައް މިހާތަނަށް އައު ޓާމިނަލް ބޭނުންކުރަން ފަށާފައެއް ނުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާވެފައިވާ މި ދަނޑިވަޅުގައި އައު ޓާމިނަލްގެ ހިދުމަތް ފެށިގެންދިއުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަދި އެފަރާތްތަކަށް ރަނގަޅު ހިދުމަތެއް ދެވޭނޭކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ. ކުރިއަށް އޮތްތަނުގައި އިތުރު އެއާލައިނުންތަކުން ޓާމިނަލް ވަން ބޭނުންކުރަން ފަށާނޭކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.