ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ކަނޑައަޅާފިއެވެ. ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ 5 ބޭފުޅުންނަށް އިނާޔަތްދިނުމަށް ހިމެނޭ މި ބަޖެޓުގައި އެންމެ ބޮޑު އިނާޔަތް ލިބެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ.
މައުމޫނަށް އަންނަ އަހަރު ފައިސާގެ އިނާޔަތުގެ ގޮތުގައި 9 ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާޙީމް މުހައްމަދު ސޯލިހަށް އަހަރަކު 6 ލައްކަ ރުފިޔާގެ އިނާޔަތް ކަނޑައަޅާފައިވެއެވެ. ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މި އިނާޔަތް ނުނަންގަވައެވެ.
ކުރީގެ ރައީސުންނަށް އިނާޔަތްދޭ ގާނޫނުގައިވާ ގޮތުން، އެއް ދައުރު ރައީސްކަން ކުރެއްވި ބޭފުޅުންނަށް މަހަކު 50،000 ރުފިޔާއާއި، އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ބޭފުޅުންނަށް މަހަކު 75،000 ރުފިޔާ ދެވެއެވެ. މީގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް 50،000 ރުފިޔާއާއި އޮފީސް ހިންގުމުގެ ޚަރަދަށް 175،000 ރުފިޔާ ވެސް ލިބެއެވެ. މި އިނާޔަތްތައް އުނިކުރުމަށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ހާމަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ