ކަށިމިޔަރުގެ މަސްވެރިކަމުގެ ހުއްދަ ކޮންމެ އަހަރަކުވެސް ޑިސެމްބަރުން ފެށިގެން ޖޫން ނިޔަލަށް

ކަށިމިޔަރުގެ މަސްވެރިކަމުގެ ހުއްދަ ކޮންމެ އަހަރަކުވެސް ޑިސެމްބަރުން ފެށިގެން ޖޫން ނިޔަލަށް

Author
ހުސައިން
01 ނޮވެމްބަރ 2025 01:22
0

ފިޝަރީޒް މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ މީލާދީ ކޮންމެ އަހަރެއްގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލާ ހަމައަށް ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނެ ކަމަށެވެ. ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ނެރުނު މި އިއުލާނުގައިވާ ގޮތުން މިނިސްޓްރީން އެހެން ގޮތަކަށް ކަނޑައަޅައި އާންމުކުރަންދެން އެ މަސްވެރިކަން ކުރެވޭނީ މި މުއްދަތުގައި ކަމަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަމަވެސް އެ މަސްވެރިކަމަށް ނޮވެންބަރު މަހު ހުއްދަދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އިއުލާން ކުރެއްވިއެވެ. ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭން ވެސް އާންމުކޮށްފައެވެ. އެ ގަވައިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށް ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވައިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައެވެ. މި ގަވައިދާ ޚިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.