2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތަޢުލީމާއި ޢުމްރާނީ ތަރައްޤީއަށް އިސްކަމެއް ދީގެންނެވެ. މާލީ ވަޒީރު މޫސާ ޒަމީރު ހުށަހެޅުއްވި މި ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5.6 ބިލިޔަން ރުފިޔާއާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ތަޢުލީމީ ބަޖެޓުގެ ތެރެއިން ޕްރީ ސްކޫލް އަދި ފަށާ ތަޢުލީމަށް 1.9 ބިލިޔަން ރުފިޔާއާއި، ސާނަވީ ތަޢުލީމަށް 1.2 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މަތީ ތަޢުލީމަށް 831.7 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްކުރުމަށް 598.5 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
ޢުމްރާނީ ތަރައްޤީގެ ބަޖެޓުގައި އެންމެ ބޮޑު ޚަރަދުކުރަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް 2.4 ބިލިޔަން ރުފިޔާއާއި، ދަތުރުފަތުރާ ބިނާރީ ތަރައްޤީގެ ދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ކަމަށް ބަޖެޓުން ހާމަވެއެވެ. މީގެ އިތުރުން ބްރިޖްތަކާއި ޓަނަލްތަކަށް 798.6 މިލިޔަން ރުފިޔާ، އެއަރޕޯޓަށް 540.6 މިލިޔަން ރުފިޔާ، މަގުތަކަށް 556 މިލިޔަން ރުފިޔާ، ހޮސްޕިޓަލްތަކަށް 430.4 މިލިޔަން ރުފިޔާއާއި، ބިންހިއްކުމަށް 429.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ފެނާއި ނަރުދަމާގެ ނިޒާމުތަކަށް 413.6 މިލިޔަން ރުފިޔާއާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށް 218.6 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ދީނީ ޚިދުމަތަށް 385.7 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މި ބަޖެޓުން ސަރުކާރުގެ މަޤްޞަދަކީ ތަޢުލީމީ ފެންވަރު މަތިކުރުމާއެކު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުން ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ