އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް އާ ޓެކްސް ނުވަތަ އާ ކަމެއް ހިމަނާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، އާމްދަނީގެ ބޮޑު ބައެއް ހޯދަނީ ކުރިން ކަނޑައަޅާފައިވާ ޓެކްސް ސިޔާސަތުތަކުން ކަމަށާއި، ޓެކްސް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ރާވާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 40.3 ބިލިއަން ރުފިޔާ އަށް ވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މިއަހަރަށް ވުރެ 6.6 ޕަސެންޓް އިތުރު އަދަދެކެވެ. ވެލާނާ އެއާޕޯޓު އާ ޓާމިނަލާ އެކު ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވެ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެއާޕޯޓު ފީތައް އިތުރުވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަންނަ އަހަރު ޖުމްލަ ޓެކްސް އާމްދަނީ 31 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަންނަ އަހަރުގެ ހަރަދު 49.2 ބިލިއަން ރުފިޔާ އަށް ވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ 11 ޕަސެންޓް އިތުރުވުމެކެވެ. ހަރަދު ބޮޑުވަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުވައްޒަފުންގެ މުސާރަ ބޮޑުކުރާތީ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ