ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ބުރައެއް ނެތި ދެއްކޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 2026 އަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި އިގުތިސާދު ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަން ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ 40 ހަފުތާގައި ސާޕްލަސްގައި ސަރުކާރު ހިންގާފައިވާއިރު، ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 860 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި 200 މިލިއަން ޑޮލަރު ނެޓް ރިޒާވްގެ ގޮތުގައި ހުރި ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އަންނަ އަހަރު ދަރަނި އަދާކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނާއި ބޮންޑް ނުވަތަ ސުކޫކް ވިއްކައިގެން ޖުމްލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އޭގެ ތެރޭގައި ސުކޫކް ރީފައިނޭންސް ކުރުމަށް 450 މިލިއަން ޑޮލަރާއި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް 300 މިލިއަން ޑޮލަރު ހޯދުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ދަރަނި ދެއްކުމުގެ ބޭނުމަށް ރައްކާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ