އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު މެންދުރުފަހު 2:00 ގައި ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާކަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ބޭއްވި ޖަލްސާގައި ވަނީ އިއުލާން ކުރައްވާފައެވެ. މި ޖަލްސާގައި ބަޖެޓް މަޖިލިހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަން ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ސިއްހީ ދާއިރާގައި ރާއްޖެއިން ނުހެދޭ ޓެސްޓުތަކާއި އޮޕަރޭޝަންތައް ހެދޭނެ އިންތިޒާމު ހޮސްޕިޓަލުތަކުގައި ގާއިމްކުރުމާއި، ބޭނުންވާ ސިއްހީ ހިދުމަތްތެރިން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ މަޝްރޫއެއް ފެށުމަށް ވަނީ ނިންމާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރު އާ މަޝްރޫއުތަކަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށާއި، އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި 500 މިލިއަން ރުފިޔާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނެ ކަމަށެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ