މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް 8،132 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި ތިން މަހުގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ. ޕީކް ސީޒަނުން ބޭރުން އެއް ދުވަހަކު 8،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރީ މިއީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ފުރަތަމަ ފަހަރަށެވެ.
މި އަހަރުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހަކީ ފެބްރުއަރީ 16 ގައި 9،518 ޓޫރިސްޓުން އައި ދުވަހެވެ. މީގެ އިތުރުން ޖެނުއަރީ މަހުގެ ތެރޭގައި ވެސް ހަތަރު ދުވަހަކު 8،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިން ކަމަށްވާ 291،573 ޓޫރިސްޓުންނެވެ. މި އަހަރުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި މަހަކީ 214،863 ޓޫރިސްޓުން އައި ޖެނުއަރީ މަހެވެ. ސަރުކާރުން ލަނޑުދަނޑި ކަނޑައަޅާފައިވާ ގޮތުގައި މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ކޮމެންޓު ފޮނުވާ