ޅ. ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ،
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައެވެ.
އެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑީރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު އެވެ.
ރައީސް ވިދާޅުވީ ހިންނަވަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަަހަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ފެނިގެންދޭ އެ ބިމުގެ ބޭނުން ރައްޔިތުންނަށް ބޮޑުވެފައި ވާ ވަރު، އެތައް ގޯއްޗެއް ދެވިފައި ވާއިރު އަދި އެހެނިހެން އެތައް ބޭނުމެއް ކުރުމަށް ބިން ދޫކުރެވި ބިން ބޭނުން ކުރަން ރައްޔިތުން ބޭނުންވެފައި ވާއިރު، އެ މުހިންމު އަސާސީ ހިދުމަތްތައް ނެތުން އެއީ ވަރަށް ބޮޑޫ ނިކަމެތި ކަމެއް" ރައީސް ވިދާޅުވިއެެވެ.
އެހެންކަމުން މި މަޝްރޫއުގެ މަސައްކަތުގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯދައި ދިނުމަށް ޓަކައި ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާލުވިއެވެ.
ކޮމެންޓު ފޮނުވާ