ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

Author
ޙަސަން މުޙައްމަދު
27 އޮކްޓޯބަރ 2025 05:52
0

ޅ. ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތަކީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރެންދޫގައި ބަނދަރުގެ ޢުމްރާނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 36,363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، 415 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ. ބަނދަރުގައި ޚިދުމަތް ދިނުމަށްޓަކައި، 243 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއަކާއި، 60 މީޓަރު ދިގު 2 މީޓަރު ފުޅާ އިތުރު އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 53.36 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 450 ދުވަހެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީގެ އިތުރުން ކުރެންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

2090 މީހުންގެ އާބާދީއެއް ދިރިއުޅޭ ކުރެންދޫއަކީ ފަތުރުވެރިކަމަށް ޚާއްސަ ރަށެކެވެ. ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ރަށު ރައްޔިތުންނާއި ފަތުރުވެރިން އަރައި ފޭބުމަށް ފަސޭހަ، ރައްކާތެރި ބަނދަރެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސްވެ، މުދާ ބަރުކުރުމާއި ލަފައިފުރުމަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢު ހިންގާ އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން ދަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.