ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނިންމެވި ނިންމެވުމަކާއެކު ބަޖެޓު ރިޕޯޓް އޮކްޓޫބަރު ނިމުމުގެ ކުރިން ހުށަހެޅުމުގެ ބަދަލުގައި އޮކްޓޫބަރު 29 ގެ ކުރިން ބަޖެޓުގެ "ސެހެރީއެއް" ހުށަހެޅުމުން ފުއްދާލެވޭ ގޮތަށް ބަދަލު ގެންނަވައިފައިވެއެވެ. މި އުސޫލުން މިދިޔަ ތިން އަހަރު ވެސް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ބަޖެޓުގެ ސެހެރީ އޮކްޓޫބަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ނޮވެމްބަރު މަހު ބަޖެޓު ރިޕޯޓް މަޖިލީހަށް ފޮނުވަން ލާޒިމްވެއެވެ.
މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ފިނޭންސް މިނިސްޓަރު ބަޖެޓު މަޖިލީހަށް ހުށަހަޅުއްވުމަށްފަހު މެންބަރުންނަށް ވަގުތު ދީ ބަހުސް ފެށިގެންދާނެއެވެ. އިބްތިދާއީ ބަހުސް ނިމުމުން ބަޖެޓު ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ މެންބަރުން ހިމެނޭ ހާއްސަ ކޮމިޓީއަކަށް ފޮނުވާނެއެވެ. ކޮމިޓީގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށް ބަޖެޓަށް ބަދަލުތައް ގެނެސްގެން ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. ފާސްކުރަން ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވެގެންދާނެއެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 56.6 ބިލިއަން ރުފިޔާއެވެ. ޖުމްލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އާމްދަނީއެއްގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު ބަޖެޓު ޑެފިސިޓް ހުރީ 9.4 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ގާތްގަނޑަކަށް 7.8% އެވެ. މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ފީސް އަދި އެހެނިހެން ޓެކްސްތައް އިތުރުކޮށް އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އެޅި އެވެ.
ކޮމެންޓު ފޮނުވާ