ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އާއި މީދޫ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ނިންމުމާ ގުޅިގެން، މިކަން ފާހަގަކުރުމަށް މިރޭ 8:30 ގައި ހުޅުމީދޫ މެދުބަނދަރު ސަރަހައްދުގައި ހަވާ އަރުވާ ހާއްސަ ހަފްލާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އިސްކޮށް ބާއްވާ މި އިވެންޓަކީ ވޯޓުގެ ނަތީޖާ އައި ގޮތުން ދެ ރަށު ރައްޔިތުން އުފާފާޅުކުރުމުގެ ފުރުސަތެކެވެ.
އިއްޔެ ބޭއްވި ވޯޓުގައި އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 723 މީހުންނާއި މީދޫގެ 847 މީހުން ވޯޓު ދީފައިވާއިރު، ވަކިވުމަށް ދެކޮޅު ހެއްދެވީ ހުޅުދޫގެ 329 މީހުންނާއި މީދޫގެ 144 މީހުންނެވެ. ހުޅުދޫގެ 37 ޕަސެންޓާއި މީދޫގެ 43 ޕަސެންޓު ރައްޔިތުން މި ވޯޓުގައި ބައިވެރިވިއިރު، ފޭދޫ ރައްޔިތުން ވަނީ ވަކި ކައުންސިލެއް އުފެއްދުމަށް ދެކޮޅު ހަދާފަ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނުގެ ދަށުން ނެގުނު ފުރަތަމަ ވޯޓެވެ.
ކޮމެންޓު ފޮނުވާ