އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ގާއިމުކުރުމާ ބެހޭ ގޮތުން މިއަދު ބޭއްވި ރެފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބައިވެރިވެފައި ނުވާކަން އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފޭދޫ، މީދޫ އަދި ހުޅުދޫ އަށް ހާއްސަކޮށްގެން ބޭއްވި މި ރެފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9،576 މީހުންގެ ތެރެއިން ވޯޓުލީ 4،510 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގުލިބޭ މީހުންގެ 47.1 ޕަސެންޓެވެ. ވޯޓުގައި ބައިވެރިނުވި 5،066 މީހުން ހިމެނެނީ 52.9 ޕަސެންޓުގައެވެ. މި ވޯޓުގައި 2،139 ފިރިހެނުންނާއި 2،371 އަންހެނުން ބައިވެރިވިއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުން ފޭދޫން 1،782 ވޯޓުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާށެވެ. އެހެންނަމަވެސް ހުޅުދޫ އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށެވެ. މި ރެފަރެންޑަމްގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމަށް ވަނީ ހަމަޖައްސައިފައެވެ.
މި ރެފަރެންޑަން ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5 ވަނަ ދުވަހުއެވެ. އައްޑޫ ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެކަން އެދިވަޑައިގެންނެވުމާ ގުޅިގެން މި ނިންމުން ނިންމި ކަމަށް ވަޒީރުންގެ މަޖިލީހުން ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ މި ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި، ރައްޔިތުންގެ މެޖޯރިޓީން ނިންމާ ނިންމުން ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ