އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ މިއަދު ބޭއްވި ވޯޓުގެ ނަތީޖާއާއި ގުޅިގެން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ބާރުއަޅުއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ހުޅުދޫ އާއި މީދޫން ވަނީ ނިންމާފަ އެވެ. ނަމަވެސް ވަކި ކައުންސިލެއް އުފައްދަން ފޭދޫއިން ވަނީ ނުފެންނަ ކަމަށް ނިންމާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވީ ވަކި ކައުންސިލެއް ހަދަން 2،176 ވޯޓާއި ސިޓީއެއްގެ ގޮތުގައި ބާއްވަން 2،251 ވޯޓު ލިބިފައިވާ ނަމަވެސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ވޯޓުގައި ބައިވެރިވީ 4،510 މީހުން ކަމަށާއި އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓު ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބޭ 9،576 މީހުންގެ ތެރެއިން 5،066 މީހަކު ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.
ކޮމެންޓު ފޮނުވާ