ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ހަވަނައަށް ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުޅުމާލޭގެ ޕޯޓުގައި ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލާގައި ހަވަނައަށް ހައްޔަރުކޮށްފައިވަނީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި އިތުރު ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.
ކޮމެންޓު ފޮނުވާ