ޣައްޒާގައި ބައިނަލްއަގްވާމީ ސަލާމަތީ ބާރެއް ގާއިމުކުރުމަށް އެތައް ގައުމަކުން ބައިވެރިވުމަށް ހުށަހަޅާފައިވާ ކަމަށާއި، އެ ބާރުގައި ބައިވެރި ވެވޭނީ އިސްރާއީލުން ރުހުންދޭ ގައުމުތަކަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ. އިސްރާއީލަށް ކުރެއްވި ދަތުރުގައި ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، އެ ސަލާމަތީ ބާރު ވީހާވެސް އަވަހަކަށް ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ. އެކަމަކު ހަމާސްއާ އެކު އެއްބަސްވުމެއް ނެތި މިފަދަ ބާރެއް ގާއިމުކުރެވޭނެ ގޮތެއް ފާހަގަކޮށްފައެއް ނުވެއެވެ.
ރޫބިއޯ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަކީ ތާރީޚީ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ޕްލޭނެއް ކަމަށާއި، މިއީ އެންމެ ރަނގަޅު އަދި ހަމައެކަނި ޕްލޭނު ކަމަށެވެ. އިސްރާއީލާއި ހަމާސްގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފެށިގެން ދެ ހަފްތާވީއިރު، އެ އެއްބަސްވުން ކުރިއަށް ގެންދިއުމުގައި ބައެއް މައްސަލަތައް ކުރިމަތިވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. 7 އޮކްޓޯބަރުގެ ހަމަލާތައް ދެން ދުވަހަކު ވެސް ތަކުރާރުނުވާނެ ގޮތަށް ޝަރުތުތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރޫބިއޯ ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ