އައްޑޫގައި ވަކި ކައުންސިލްތަކެއް ގާއިމުކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓުލާން ފަށައިފިއެވެ. އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް ގާއިމުކުރުމާމެދު ޚިޔާލު ހޯދުމަށް މިއަދު މެންދުރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ.
މި ރެފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އޭގެ ތެރެއިން ފޭދޫން 4،355 މީހުންނާއި ހުޅުދޫން 2،874 މީހުން އަދި މީދޫން 2،347 މީހުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފޭދޫގައި ފަސް ވޯޓުފޮށި ބަހައްޓާއިރު، ހުޅުދޫ އަދި މީދޫގައި ކޮންމެ ރަށެއްގައި ތިން ވޯޓުފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ކަލާފާނު ސްކޫލުގައި ހަތް ވޯޓުފޮށި ބަހައްޓާނެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު ބެލުމަށް "VR (SPACE) NID NO" ޖަހާފައި 1414 އަށް މެސެޖްކުރެވިދާނެއެވެ. ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުން ވޯޓުތައް ގުނަން ފަށާނެ ކަމަށް އީސީން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ