އައްޑޫ ރިފަރެންޑަމްގެ ނަތީޖާ ވޯޓު ވަގުތުން އިއުލާންކުރާނެ

އައްޑޫ ރިފަރެންޑަމްގެ ނަތީޖާ ވޯޓު ވަގުތުން އިއުލާންކުރާނެ

Author
ޙަސަން މުޙައްމަދު
24 އޮކްޓޯބަރ 2025 10:32
0

އައްޑޫ މީދު، ހުޅުދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް މާދަމާ ބާއްވާ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ، ވޯޓު ފޮއްޓެއް ނިމުމާ ހަމައަށް އެ ފޮށީގެ ކައިރީގައި އިއުލާން ކުރުމުގެ އިންތިޒާމު އީސީން ހަމަޖައްސައިފި އެވެ.

އީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮންމެ ފޮށީގެ ވޯޓު ސާފުކޮށް ނިމުމުން އެ ތަނުގައި ވަގުތުން ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. ހުރިހާ ވޯޓު ފޮށި ނިމުމުން ވަގުތީ ނަތީޖާ މާދަމާ ރޭ އައްޑޫގައި އިއުލާން ކުރާނެ ކަމަށާއި ދާއިމީ ނަތީޖާ އަންނަ އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިފަރެންޑަމަކީ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމެވެ. މާދަމާގެ ހެނދުނު 8 އިން ހަވީރު 4 އަށް ވޯޓު ލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އައްޑޫގެ ތިން ރަށާއި މާލެއިން މުޅި 18 ވޯޓު ފޮށި ބަހައްޓާނެ އެވެ.

ވޯޓު ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އީސީގެ ރައީސް ފާތިމަތު ޒާހިދާއި މެމްބަރުންނާއި މުވައްޒަފުން މިހާރު ވަނީ ފަހު ތައްޔާރީތަކަށް އައްޑޫއަށް ވަޑައިގެންފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.