އައްޑޫ ހިތަދޫ މޫލެކެޑޭގެ ގުދުރަތީ ކަނޑޫފަލަ ހިއްކުމާ ދެކޮޅަށް އިއްޔެ ވަރަށް ބޮޑު އަޑެއް އުފުލައިފި އެވެ. ލިންކް ރޯޑް ސީދަކޮށް ހެދުމަށްޓަކައި 2.5 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ "ޕްރޮޖެކްޓް ތިމާވެށި" އިން ބާއްވާފައިވާ އިހުތިޖާޖުގައި 30 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެ، އެ ސަރަހައްދުގެ މޫދުގައި ޕެޑެލް ކުރަމުން ޝުއޫރު ފާޅުކުރި އެވެ.
އެ ސަރަހައްދުގައި މިހާރު ގިނަ އަދަދެއްގެ ކަނޑޫ ގަސްތަކާއި ކުޑަ ކުޅިއެއް ވެސް ހެދިފައިވާއިރު، މިއީ އައްޑޫގެ ގުދުރަތީ ވެއްޓަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ކަނޑޫފަލަކީ ރަށްރަށުގެ ހޭޅިފަށް ހިމާޔަތްކޮށްދީ ފެންބޮޑުވުން ކުޑަކުރާ މުހިއްމު ގުދުރަތީ ނިޒާމެއް ކަން ފާހަގަކުރަމުން، މިފަދަ ފުރިހަމަ މާހައުލުތަކުން ލިބޭ ފައިދާއަކީ ފައިސާއިން އަގު ނުކުރެވޭނެ ވަރުގެ އަގުހުރި ތަރިކައެއް ކަމަށާއި އެއީ ނެތިގެންދިއުމުން އަނބުރާ ލިބޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މިދިޔަ އަހަރުތަކުގައި އައްޑޫން 260 ހެކްޓަރުގެ ބިން ހިއްކުމުގެ ސަބަބުން އައްޑޫގެ ވެށި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، އައްޑޫގެ ޒުވާނުންނާއި އާންމުންގެ ހިޔާލު ނުހޯދައި މިފަދަ ޕްރޮޖެކްޓުތައް ހިންގާތީ ކަންބޮޑުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި މަސައްކަތް ހުއްޓުވުމަށް ގޮވާލައި "ޕްރޮޖެކްޓް ތިމާވެށި" އިން ޕެޓިޝަނެއް ވަނީ ތައްޔާރުކޮށް ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ކޮމެންޓު ފޮނުވާ