ހައްޖުވެރިންގެ ކިބައިގައި ސިއްހީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތަކާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޮނުވާ ސާކިއުލާއަކީ އާ ނިންމުމެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ގައުމުތަކަށް ފޮނުވާ މައުލޫމާތެއް ކަމަށާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަކީލް ދައުލަތުގެ މީޑިއާގައި ވިދާޅުވީ ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް މިއަހަރުން ފެށިގެން ހައްޖަށް ނުދެވޭނެކަމަށާއި މެޑިކަލް ޓެސްޓްތަކެއް ހަދާ ކޯޕަރޭޝަންގެ މެޑިކަލް ޓީމުން ބަލައި ހުއްދަދޭ ފަރާތްތަކަށް ދެވޭނެކަމަށެވެ. ހައްޖަށް ދާން ވިސާ ލިބޭނީ ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާކަން އެނގޭ ގޮތަށް ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން ތަސްދީގުކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް އޮވެގެންކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހުންނާއި އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހުންނާއި ފުރަމޭގެ ސިރޯސިސް ހުރި މީހުންނާއި ޑަޔަލިސިސް ހަދާ މީހުންނަކަށް ހައްޖަށް ނުދެވޭނެ ކަމަށެވެ. އަދި ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުންނާއި ޑިމެންޝިއާ ޖެހިފައިވާ މުސްކުޅި މީހުންނާއި ވިހަން ކައިރިވެފައިވާ މީހުންނަށް ވެސް ހައްޖު ފަރުޟު އަދާކުރެވޭކަށް ނެތެވެ. މީގެ އިތުރުން ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލި މީހުންނާއި ޓީބީ އާއި ހެމަރޫޖް ހުންނަ މީހުންނަށް ވެސް މި ފަރުޟު އަދާކުރުމުގެ ފުރުސަތެއް ނުލިބޭނެކަމަށް ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ