ނަފްސާނީ ބަލީގެ މީހުންނަަށް އެކަށީގެންވާ ފަރުވާއެއް ދިނުމަށްޓަައި އެންމެ މުހިއްމުކަމަކީ އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ވޯލްޑް މެންޓަލް ޑޭ ނުވަތަ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން "މޫވް ފޮރ މެންޓަލް ހެލްތް – ލެޓްސް އިންވެސްޓް" މިނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ވެބިނަރއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުއިން ދެކޭގޮތް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޒޫމް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ވެބިނަރގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަދައްކާ މިންވަރު އިތުރުވެފައިވީ ނަމަވެސް، އެފަދަ ބަލިތައް ތަހަންމަލްކުރަމުންދާ ވާހަކަ ބުނަން ކެރެނީ މަދު ބަޔަކަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަރުވާ ހޯދަން ކެރެނީވެސް މަދުބަޔަކަށް ކަމަށެވެ. އެކަމަނާ ވިދާޅޫވީ މިގޮތަށް އެކަން ދިމާވެފައިވަނީ ނަފްސާނީ ބަލިތަކާމެދު މުޅި މުޖުތަމަޢު ދެކޭގޮތަށް އަދިވެސް ބަދަލު އައިސްފައި ނުވާތީކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން ސްޓިގްމަޓައިޒް ކުރުން ނުވަތަ ހަވާސާކޮށް ބާކީކޮށްލުމުގެ ސަބަބުން މުޖުތަމަޢުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، އެމީހުންގެ އިންސާނީ ހައްޤުތައް، ކަށަވަރު ނުކޮށްދެވުން ކަމަށެވެ. އެގޮތުން އެންމެ އެދެވޭ ތަޢުލީމާއި، ވަޒީފާ އާއި ކުޅިވަރާއި މުނިފޫހިފިލުވުމާއި އަދި ޚާއްސަކޮށް ބޭސްފަރުވާ ހޯދުމަށް އެފަދަ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ބައެއް މީހުން ތިބޭ އެހެން މީހުންނަށް އެނގިދާނޭތީ، ރާއްޖޭގެ މީހަކަށް ނުދައްކަން. ނޫނީ ކްލިނަކަށް ނުދާން ތިބޭ މީހުންވެސް އުޅޭ. ވީމާ މިކަހަލަ ކަންކަމުން އަރައިގަނެވޭނީ ސްޓިގްމަޓައިޒޭޝަން ގޮތެއް ހޯދިގެން. އެހެން ބަލިތަކަށް ފަރުވާ ހޯދުމަށްދާގޮތަށް ކްލިނިކްގެ ފެންޑާގައި އިތުބާރާއެކު މަޑުކޮށްލެވޭނެ ފެންވަރަަށް ކަންކަން ގެންދެވޭނީ އޭރުން"
– ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ
މި ވެބިނަރގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވަނީ، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ބައެއް މީހުންނާއި ދިމާވެ އެމީހުންނާއެކު ކުރެވުނު މުއާމަލާތްތަކުން އެކަމަނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން އެފަދަ ބައްޔެއް ތަހަންމަލްކުރަމުންދާ ދެ މީހަކާއި ދިމާވެ ދެކެވުނު ވާހަކައިން ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުންގެ ވާހަކަ އަޑުއެހުމާއި އެއީ ބައްޔެއްކަން ޤަބޫލުކުރުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ދެމީހުންގެ ޖަވާބު ވީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފިލާވަޅަކަށް. ފުރަތަމަކަމަކަށް ނަފްސާނީ ބަލީގެ މީހުން ތަހައްމަލުކުރާކަންކަން އެހެން މީހުން ޤަބޫލުކުރުން. އެއީ ތިމާހުރި ސިފައަކުން އުޅޭގޮތަކުން ނޫނީ އެހެންވެސްކަމެއް ކޮށްގެން ނޫނީ ނުކޮށްގެންވާކަމެއް ނޫން. ވީމާ ތީ މިވެނިކަމެއް ވީމައޭ، އެވެނިކަމެއް ވީމާ ވާކަމެކޭ އެފަދަ މީހަކާއި ދިމާލަށް ބުނުމަކީ ރަނގަޅުކަމެއްނޫން. އޭގެ ބަދަލުގައި އަވަސް ޝިފާއަކަށް އެދޭކަމާއި، ތިމަނަށް އޭނާއާއެކީ ވާކަން ބުނެވިދާނެ
– ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ނަފްސާނި ބަލި ތަހައްމަލުކުރާ މީހުންގެ އިތުރުން އޭނާގެ ގާތްތިމާގެ މީހުންނާއި، އެކުވެރި ރަހުމަތްތެރިންނަށް ނަފްސާނީ ބަލި ޤަބޫލުކުރެވުމަކީ އެމީހަކު ފަރުވާއަކާއި ދިމާލަށް ވާސިލުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމެށް ކަމަށެވެ. މިއީ ދިރިއުޅުމަށް އަވަސް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ ސައިކޭރިސްޓުންނާއި ތެރެޕިސްޓުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ބައެއް މީހުން ބައްޔަށް ޑައިގްނޯސްކުރެވޭއިރު އެމީހުންގެ އުމުރުގެ ބޮޑުބައި ފާއިތުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަމަށް ބޭނުންވަނީ މުޖުތަމަޢުގެ އަޅާލުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، ވީހާވެސް އަވަހަށް ފަރުވާ ހޯދުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ދާއިރާއިން ފަރުވާދޭ ސްޕެޝަލިސްޓުންގެ އަދަދު އަދިވެސް ރާއްޖޭގައި މަދުކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ، އެންމެ ފުރަތަމަ ސައިކޭރިސްޓެއް ކައިރިއަށް ދިއުމުގެ ބަދަލުގައި ދިވެހި ރެޑް ކްރެސެންޓް ނުވަތަ އެނޫންވެސް އިޖްތިމާއީ ޕްރޮގްރާމެއް ހިންގާ ބައެއްގެ އެހީތެރިކަން ހޯދުން އެއީވެސް ކުރެވިދާނެކަމެއްކަމަށެވެ. އަދި މުޖުތަމަޢުއެއް ބިނާކޮށް އާރާސްތުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި، ޙާއްސަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން މިއިން ދުވަހަކު މުހިއްމުނުވާހާ މުހިއްމުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވިއެވެ.
ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ދޭދޭ ފަރުދުންނަށާއި މުޖުތަމަޢުއަށް ކުރާ ފައިދާއިން ބައެއް އުނިވެގެންދާނެކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ނަފްސާނީ ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ވެބިނަރއަކީ ދިވެހި ރެޑް ކްރެސެންޓާއި، އެޗް.ޕީ.އޭ އަދި ސެންޓަފޯރ މެންޓަލް ހެލްތުގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކާއިއެކު ކުރިއަށްގެންދިޔަ ވެބިނަރއެކެވެ. ވެބިނަރގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވި ބޭފުޅުންވަނީ ނަފްސާނީ ބަލީގެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށްގެންދިއުމާއި، އެފަދަ މީހުންނަށް މުޖުތަމަޢުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ