މަތީ ތައުލީމަށް ދޫކުރި ސްޓޫޑެންޓް ލޯނުން 187 މިލިއަން ރުފިޔާ އަނބުރާ ނުލިބި ހުރިއިރު، މި ފައިސާ ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒު މިއަދު ނެރުއްވި ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 190 މިލިއަން ރުފިޔާގެ ތެރެއިން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް އެކަނި 81 މިލިއަން ރުފިޔާ ނުލިބި އޮތްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިއީ ދޫކުރި ލޯނުތަކުގެ 60 ޕަސެންޓެވެ. އަދި ފިނޭންސް މިނިސްޓްރީއާއި ބޭންކު އޮފް މޯލްޑިވްސްއާއި ބޭންކު އޮފް ސިލޯން ގުޅިގެން ދޫކުރި ލޯނުތަކުން 106 މިލިއަން ރުފިޔާ ވެސް އަނބުރާ ނުލިބި އޮތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
2021 އާއި 2022 ގައި އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ބޭންކަށް ދައްކާފައިވާއިރު، ފައިސާ ނުލިބި ލަސްވުމުން ބީއެމްއެލްއަށް ދައްކަންޖެހޭ ފީ އިތުރުވެ މިނިސްޓްރީއަށް ލިބޭ ފައިސާ މަދުވަމުންދާކަން ވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެކަށީގެންވާ ފިޔަވަޅު ނޭޅުމުން ސްޓޫޑެންޓް ލޯނު ދޫކުރުމަށް ސިލޯން ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި ހުރި 6.1 މިލިއަން ރުފިޔާ މާލިއްޔަތު ގާނޫނުގެ ދަށުން ޕަބްލިކް އެކައުންޓަށް ޖަމާކުރަންޖެހޭއިރު، އެކަން ކޮށްފައި ނުވާކަން ވެސް ރިޕޯޓުގައިވެއެވެ.
ކޮމެންޓު ފޮނުވާ