މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރުފައިސާއަކަށް ބަދަލުކުރުމަކީ ވިޔަފާރިއެއްނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑު އެހުމުގައި ދައުލަތުން އިއްވާފައިވާ ދައުވާތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ދައުވާތައް ސާފު ނުވާކަމަށެވެ. ނަމަވެސް ދައުވާ އަޑުއިވި، ދައުލަތުން އަމާޒުކުރާ ކަންކަން ކޮންމެވެސް ވަރަކަށް އޮޅުން ފިލާފައިވާކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ރިޝްވަތުގެ ތަފްސީލު ދެއްވަމުން ދެއްކެވި ވާހަތަކަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. ދައުލަތުން ކުރާ ދައުވާގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ މީހަކު ވިޔާރިއެއް ކުރިކަމަށް ބުނާއިރު، ދައުލަތަށް އެވިޔަފާރިއެއް ކުރިގޮތެއް ސާފުކޮށް ނުދެވޭކަމަށެވެ. ރައީސަކަށް ހުންނަ މީހަކީވެސް އޭނާގެ އަމިއްލަ ފައިސާއާއި، ސިޔާސީ ކަންކަމަށް ލިބޭ ފައިސާ ހުންނާނެ މީހަކަށްވާއިރު، އެފައިސާ ލިބުމަކީ އެއީ ޤާނޫނީ ކުށަކަށް ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަށް ބަދަލު ކުރުމަކީ އެއްވެސް ހާލެއްގައި ވިޔަފާރިއަށް ބަދަލުވެ ގާނޫނީ ކުށަކަށް ވާންޖެހޭ ސަބަބެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރުފައިސާއަކަށް ބަދަލުކުރުމަކީ ވިޔަފާރިއެއްނޫން. އެއްކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލު ކުރުމަކީ އެއީ ވިޔަފާރިއެއްނޫން. އެއީ ކުށެއްވެސް ނޫން. ކުއިކްރިޒާއާއި، ސަންޓްރެވަލްގެ ފައިސާއާއި ގުޅުންއޮތް ގޮތެއް ދައުލަތަކަށް ސާފެއްނުވޭ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވަނީ މޫސުން ހުރި ގޮތުންނާއި، ވަކީލު ބައްދަލުވުންތައް އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭދީ ދެން އޮންނަ އަޑު އެހުމަކަށް ރަނގަޅު މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މިމައްސަލަ ބެއްލެވި ކްރމިނަލް ކޯޓުގެ އިސްޤާޒީ އަހުމަދު ޝަކީލް ވަނީ މިމަހުގެ 13 ވަނަ ދުވަހު އަޑު އެހުމެއް ބޭއްވުމަށް ތާވަލް ކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ އެދުމާއި އެއްގޮތަށް އެއަޑު އެހުން ވަނީ މިމަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މިއަދުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.ޖަމީލް ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވާއިރު، މިދައުވާތަކުގައިވެސް ބޭނުންވާ ލިޔެކިޔުން ނުލިބޭކަމަށެވެ. އަދި މިމައްސަލާގައި ދައުލަތުގެ އަމާޒު ރައީސް ޔާމީނަށް އެކަނި އަމާޒުވެފައިވާއިރު މިއީ ވަރަށް ގިނަ ބައެއްގެ ޝާމިލުވުމެއް އޮތް ދައުވާއެއްކަން ފާހަގަވާކަމަށެވެ. އަދި ފެނިގެންދަނީ އަވަސް އަރުވާލައިގެން ރައީސް ޔާމީނުގެ ޝަރީއަތްތައް ކުރިއަށް ގެންދާ މަންޒަރުކަމަށެވެ.
ޑރ.ޖަމީލްގެ ވާހަކަތަކާއި ގުޅިގެން އިސްޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ނޫންކަމަށެވެ. މިޝަރީއަތަކީވެސް އަދި އެހެން ޝަރީއަތްތަކަކީވެސް ވަގުތު ދީގެން ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމުގައެވެ. އަދި މިޝަރީއަތަކީ ލައި ނުގަނެގެން ގެންދާ ޝަރީއަތެކޭ ބުނެވޭކަށް ނޯންނާނެކަމަށް އިސްޤާޒީ ވިދާޅުވިއެވެ. ޝަރީއަތް ކުރިއަށް ގެންދަނީ ދެފަރާތައްވެސް ފުރުސަތުދީގެން ހަމަހަމަ އުސޫލަކުން ކަމަށް ޤާޒީވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ރައްދުވާ ފަރާތަށް ހިއްސާ ކުރުމަށް އޮންނަނީ ދެ ބާވަތެއްގެ ލިޔެކިއުންތައް ކަމަށެވެ. އެއީ ދައުވާ ތަފްސީލްކޮށްދީފައިވާ ލިޔުމާއި ދައުލަތުން ހުށަހަޅާ ހެކިންގެ މައުލޫމާތު ކަމަށެވެ. އެ ހުރިހާ މައުލޫމާތެއް ހިމެނޭ ލިޔެކިއުންތައް ދައުވާ ރައްދުވާ ރައީސް ޔާމީނަށް ހިއްސާކޮށްފައިވާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
ދައުލަތުން ވަނީ މިއަދުގެ އަޑު އެހުމުގައި ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށްވެސް އެދިފައެވެ.
ކޮމެންޓު ފޮނުވާ