ށ. ފީވަކުގައި 3 މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފީވަކަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ.
މި މަޝްރޫޢުތައް ފެށުމަށް ވަކި ވަކިން ބޭއްވި މި ރަސްމިއްޔާތުތަކުގެ ތެރެއިން، ފީވަކުގައި 3 ބުރީގެ ސްކޫލެއް ޤާއިމްކުރުމަށް އިމާރާތުގައި ބިންގާ އަޅުއްވައިދެއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ.
މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މިގޮތުން 59 މިލިއަން ރުފިޔާ އަށް 18 މަސްދުވަހަށް ނިންމާގޮތަށް ޤާއިމްކުރާ މި މަޝްރޫޢުގެ ދަށުން، 6997 އަކަފޫޓުގެ ސަރަޙައްދެއްގައި، 19 ކްލާސް ރޫމް ހިމެނޭ 3 ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. އަދި އޮފީސް އިމާރާތެއްގެ އިތުރުން، 2 ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލާއި ސެކިއުރިޓީ ރޫމެއް ވެސް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފޯކައިދޫ ފުލުހުންގެ އިދާރާގެ އައު އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި އިމާރާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި މަސައްކަތުގެ ތެރޭގައި ފުލުހުންގެ މަރުކަޒުގެ އިމާރާތާއި ސެލް ބްލޮކް އާއި ވެހިކަލް ޕާކިން އޭރިއާ ތަރައްޤީކުރާނެއެވެ.
މި ދެ މަޝްރޫޢުގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް އެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިބްރާޙިމް ރާފިޢުއެވެ.
ކޮމެންޓު ފޮނުވާ