ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އުފެއްދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު ޑިވެލޮޕްމަންޓު ބެންކުގެ ހިދުމަތް ނުފެށި ލަސްވަމުންދާތީ ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް ބެންކު އޮޕަރޭޝަނަލް ކުރެވިގެންދާނެ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވީ ޑިވެލޮޕްމަންޓު ބެންކަކީ އާންމު ރައްޔިތުންގެ ދުވަހުން ދުވަހުގެ މުއާމަލާތްތައް ހިންގާ ބެންކެއް ނޫންކަމަށެވެ. އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދަން އެކުލަވާލި މުހިންމު ބެންކިން ނިޒާމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ހަވާލުވި ދަނޑިވަޅު ވަރަށް ބޮޑު ދަރަންޏަކާއި ތަކުލީފްތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް އެހާލަތުން ވަރަށް އަވަހަށް ކުރިއެރުން ހޯދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑިވެލޮޕްމަންޓް ބެންކުގެ މަގްސަދަކީ ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓާ ފުޅާކޮށް، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމެވެ. މިއީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށް ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.
ކޮމެންޓު ފޮނުވާ