ޣައްޒާގައި އިޒްރޭލުގެ އެހީއާ އެކު ހަރަކާތްތެރިވާ ހަތިޔާރު އެޅި ގޭންގެއްގެ މެންބަރުން ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ސާލިހް އަލްޖަފަރާވީ ހަތް ފަހަރު ބަޑިން ހަމަލާދީ މަރާލައިފިއެވެ. މި ހަމަލާ ދިނީ ހަމާސްގެ ސަލާމަތީ ބާރުތަކުން ގޭންގު މެންބަރުންގެ ބަޔަކު އަތުލައިގަންނަން މަސައްކަތް ކުރަމުން ދަނިކޮށް، އިޒްރޭލުން ދެ އަހަރު ވަންދެން ދިން ހަމަލާތައް މެދުކަނޑާލައިފައިވާ ވަގުތު ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
މީގެ ކުރިން ވެސް އިޒްރޭލުގެ އަމާޒަކަށް ވެފައިވާ އަލްޖަފަރާވީ މަރާލީ، ޣައްޒާގެ ސަބްރާ ސަރަހައްދުގައި އިޒްރޭލުން ދީފައިވާ ބޮޑެތި ގެއްލުންތައް ޑޮކިއުމެންޓްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސީދާ އޭނާއަށް އަމާޒުކޮށް ހަމަލާދީގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޣައްޒާގައި ވެރިކަންކުރާ އޮފީހުގެ މީޑިއާ އިން ބުނީ މިއީ އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިން މެރުމަށް ރާވައިގެން ހިންގާ ސިލްސިލާގެ ބައެއް ކަމަށެވެ. ޣައްޒާއަށް ހަމަލާދިން ދެ އަހަރު ތެރޭ އިޒްރޭލުން 250 އަށްވުރެ ގިނަ ނޫސްވެރިން މަރާލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


