ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިލަދުންމަޑުލު އުތުރުބުރީ ނަލަންދޫގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިއަދު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން 63.99 ހެކްޓަރުގެ މި ރަށުގައި 200 ކޮޓަރީގެ ރިޒޯޓެއް ހަދައި 50 އަހަރަށް ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހު ހެނދުނު 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނެއެވެ. އެބައްދަލުވުމުގައި ބައިވެރިވުމަށް 22 އޮކްޓޫބަރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ނަން، އީމެއިލް އަދި ފޯން ނަންބަރާއެކު ރަޖިސްޓަރ ކުރުން ލާޒިމްކުރެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަޖައްސާފައިވަނީ 12 ނޮވެންބަރު 2025 އަށެވެ. ބީލަން ފޮތް 14 އޮކްޓޫބަރުން ފެށިގެން 10 ނޮވެންބަރުގެ ނިޔަލަށް ވޭލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ ވުޒާރާގެ ރިސެޕްޝަނުން ހެނދުނު 9:00 އިން 1:00 އާ ދެމެދު ލިބެން ހުންނާނެއެވެ. ރިޒޯޓު ތަރައްޤީކުރުމަށް 36 މަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވުޒާރާއިން ހާމަކުރެއެވެ. މީގެކުރިންވެސް ނަލަންދޫ ބީލަމަށް ހުޅުވާލާފައިވާއިރު، އެންމެ ފަހުން އެރަށް ބީލަމަށް ހުޅުވާލީ 2023 ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ