ދިވެހިރާއްޖޭގެ ތިންވަނަ ފަތުރުވެރިކަމުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާސެލޯ ނަސަންދުރާ މާލޭގައި ބާއްވައި، ފަތުރުވެރިކަމުގެ ހިދުމަތްދޭ 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ހަވާލުކޮށްފިއެވެ. 2022 ވަނަ އަހަރު ތައާރަފުކުރި މި އެވޯޑުތަކަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމަށް ހާއްސަކޮށްފައިވާ އެވޯޑުތަކެކެވެ.
މި އަހަރުގެ އެވޯޑުތަކުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުޖުތަމައު ބާރުވެރިކުރުވުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާތަކަށް ސަމާލުކަން ދީފައިވެއެވެ. މި އެވޯޑަށް 43 ފެސިލިޓީއަކުން 19 އެވޯޑަށް ޖުމްލަ 84 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓްރެވަލް އޭޖެންސީތަކާއި، ޑައިވް ސެންޓަރުތައް ހިމެނެއެވެ. މި އެވޯޑުތައް ދެވުނީ 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އެވޯޑު ހާސިލްކުރި ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލިއެވެ. އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަން ވަޒީރު ޔަގީންކޮށް ދެއްވިއެވެ.
ވަޒީރު އިއުލާނުކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރު އިތުރު އެވޯޑުތަކެއް ތައާރަފުކުރާނެއެވެ. މީގެ ތެރޭގައި، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރާ އެވޯޑުތަކާއި، ޕްރޮފެޝަނަލް ދާއިރާއިން ވަކި ފަރުދުން ހޯދާ ކާމިޔާބަށް ދޭ އެވޯޑުތައް ހިމެނެއެވެ. މި ރަސްމިއްޔާތުގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރު ކުރިން ކުރެއްވި އަލްމަރުޙޫމް ޙަސަން ސާބިރާއި، މި ސިނާޢަތުގެ ރާއިދު އަލްމަރުޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ.
ކޮމެންޓު ފޮނުވާ