ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އާތްރޮސްކޮޕިކް ނީ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އާތްރޮސްކޮޕިކް ނީ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފި

Author
ޙަސަން މުޙައްމަދު
11 އޮކްޓޯބަރ 2025 09:29
0

ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް ލިބުނު އައު ކުރިއެރުމެއްގެ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އާތްރޮސްކޮޕިކް (ކީހޯލް) ނީ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފައިވެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ސާޖަރީ ކޮށްފައިވަނީ ހޮސްޕިޓަލުގެ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުންނެވެ. މިއީ އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސާޖަރީއެކެވެ.

މި އައު ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީ ލިބިގެންދާނެ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. މި ސާޖަރީއާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފައިވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

މި ކާމިޔާބީ ހާސިލުކުރުމުގައި ބައިވެރިވި މުޅި ޓީމަށް ތަހުނިޔާ ދަންނަވާ ކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހަލީމް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައިވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.