ކުރިއަށް އޮތް ދިރާސީ އަހަރު ފެށޭއިރަށް ރާއްޖޭގެ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކޮށްފައި ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދަރިވަރުންނާއި ޓީޗަރުން ބޭނުންކުރާ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އެންމެނަށްވެސް އޭސީ ކޮށްފައި ހުންނާނެ ކަމަށެވެ. ތައުލީމީ ދާއިރާއަށް ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިފްތިތާހު ކުރި "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައެއް ސްކޫލްތަކުގައި ސޯލާ ޕެނަލްވެސް ހަރުކުރަމުންދެއެވެ. މިސަރުކާރު ހަވާލުވިއިރު ހުއްޓިފައި އޮތް ތައުލީމީ މަޝްރޫއުތައްވެސް މިހާރު ފަށާފައިވާ ކަމަށާއި އަލަށް ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.


