މާމިގިލީގައި އައިޔޫއެމް ކެމްޕަހެއް އަޅަން ހަވާލުކޮށް ހޮސްޕިޓަލެއް އިމާރާތުގެ މަސައްކަތް ފަށައިފި

މާމިގިލީގައި އައިޔޫއެމް ކެމްޕަހެއް އަޅަން ހަވާލުކޮށް ހޮސްޕިޓަލެއް އިމާރާތުގެ މަސައްކަތް ފަށައިފި

Author
ހުސައިން
07 އޮކްޓޯބަރ 2025 09:59
0

އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކާއި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ވަޑައިގެން ހުންނަވަނިކޮށް އިއްޔެ ހަވީރު މާމިގިލީގައި ބޭއްވި ޖަލްސާގައި ވަނީ އައިޔޫއެމްގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއް، ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް އަދި މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ހިމެނޭނެ އެވެ. އެއްބަސްވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ސޮއިކުރެއްވި އެވެ.

މިއަދު ހެނދުނު ވަނީ މާމިގިލީގެ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައި، އެމްއެންޑީއެފް ފަޔާ ސްޓޭޝަނެއް ހުޅުވައިފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ މާމިގިލީ ބްރާންޗު އޭޓީއެމްގެ ހިދުމަތާ އެކު ހުޅުވައިދީފައި ވެއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމާއި ކުނި މެނޭޖު ކުރަން ވެމްކޯއާ ހަވާލުކުރުމާއި ޕަބްލިކް ވޯކްސްގެ ޔުނިޓެއް ގާއިމްކުރުން ފަދަ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މި މަހު ނިމުމުގެ ކުރިން މާމިގިލިން ޕާސްޕޯޓާއި އައިޑީކާޑު ލިބޭނެ އިންތިޒާމް ހަމަޖައްސައި، ސްޕޯޓްސް ކޮމްޕްލެކްސްއެއް ވެސް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މާމިގިލީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ހިދުމަތްތަކެއް ވެސް ރަށްރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. މާލެ އާއި އަތޮޅުގެ މައި ރަށަށް ބަރޯސާވުން ކުޑަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.