މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް ލިބުނު އާމްދަނީ ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވިއްޖެއެވެ. މިއީ ރުފިޔާ އިން ބަލާއިރު ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1,487 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައެވެ. އެ ފަތުރުވެރިން ރާއްޖޭގައި 9,032 މިލިއަން ރޭ ހޭދަކޮށްފައިވާ ކަމަށްވެސް ހިސާބުތަކުގައި ވެއެވެ. ޓޫރިޒަމް އެވްރެޖް ރޫމް ރޭޓް ކަމަށްވާ 300 ޑޮލަރުން ބަލާއިރު ޖުމްލަ އާމްދަނީއަކީ ތިން ބިލިއަން ޑޮލަރެވެ.
ރާއްޖޭގައި މިހާރު 175 ރިސޯޓް އޮޕަރޭޝަންގައި ހުރެއެވެ. މިގެ ތެރޭގައި ލަގްޒަރީ، އަލްޓްރާ ލަގްޒަރީ، މެދު ފަންތީގެ ރިސޯޓްތަކާއި ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ޕްރޮޕަޓީތައް ހިމެނެއެވެ. ލަގްޒަރީ ރިސޯޓްތައް ވިއްކަނީ 800 އާއި 1,500 ޑޮލަރާ ދެމެދުގެ އަގުތަކުގައެވެ. މެދު ފަންތީގެ ރިސޯޓްތަކުގެ ކޮޓަރިތައް ވިއްކަނީ 200 އާއި 600 ޑޮލަރާ ދެމެދުގައެވެ.
ރާއްޖޭގައި 20 އަލްޓްރާ ލަގްޒަރީ ރިސޯޓް ހިންގާއިރު އެ ތަންތަނުގެ އަގު 6,000 ޑޮލަރަށްވުރެ މައްޗަށް އަރައެވެ. މި ކެޓަގަރީގައި ހިމެނެނީ ވެލާ ޕްރައިވެޓް އައިލެންޑް، ޝެވަލް ބްލާންކް ރަންޑެލީ، ސޮނެވާ ޖާނީ، ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ، ފޯ ސީޒަންސް ލަނޑާ ގިރާވަރު، ކޮންރަޑް މޯލްޑިވްސް ރަންގަލި ފަދަ ރިސޯޓްތަކެވެ. އެ ތަންތަނުގައި ހިދުމަތް ދެނީ އެންމެ މަތީ ފެންވަރުގެ ޕާސަނަލް ހިދުމަތްތަކެކެވެ.
ރާއްޖޭގައި 900 އެއްހާ ގެސްޓްހައުސް ހުރެއެވެ. މި ތަންތަނުގެ އަގުތައް ހުންނަނީ 50 އާއި 150 ޑޮލަރާ ދެމެދުގައެވެ.
ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ މުއްދަތު މިއަހަރު މަޑުކަމެއް އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަހަރު އެވްރެޖް ރޫމް ރޭޓް 6.9 ދުވަހަށް ދަށްވެފައިވާއިރު މިދިޔަ އަހަރު އެވްރެޖް ރޫމް ރޭޓް ހުރީ 7.7 ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ