ފެހި ގާނޫނުއަސާސީއަށްފަހު ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާ އަޅާބަލާއިރު، އެންމެ އިހުލާސްތެރި ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރައީސް އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ މާމިގިއްޔާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެޓިކް ހަޔާތެއް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިނގި ހުރިހާ ކަމެއް ވަރަށް ކައިރިން ފެނިވަޑައިގެންފައިވާ ކަމަށެވެ.
އެއިރެއްގައި ވެރިކަން ކުރާ ސަރުކާރަކަށް އިހުލާސްތެރިވުމަކީ އޭނާ ގަބޫލުކުރައްވާ ހަމަކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ މިހާތަނަށް ރައީސް މުއިއްޒަށްވުރެ އިހުލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރަމުން ދިޔަ ބޭފުޅެއް ނުދެކޭ ކަމަށެވެ. އެހެން ދެންނެވީ ވަރަށް ބައިވަރު ސަބަބުތައް ހުރުމުން ކަމަށް ވިދާޅުވެ ގާސިމް ފާހަގަކުރެއްވީ ރައީސް މުއިއްޒަކީ އެއްވެސް މީހަކާ ދިމާލަށް ކުޑައިމިސް ބަހެއް ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި، އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށް ފޮނުއްވާފައި ނުވާކަމަށާއި، މީގެ ކުރީގެ ވެރިކަމުން ފެނުނުހެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލުކުރައްވާފައި ނުވާ ކަމަށެވެ.
ގާސިމް ސިފަކުރެއްވީ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ "ތާހިރުކޮށް" ވެރިކަމެއްގެ ގޮތުގަ އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު 132 ބިލިއަން ރުފިޔާއާ ހަމައަށް ދަރަނި ބޮޑުވެ، ޑޮލަރުގެ އަގު އެތައް ގުނައަކަށް އުފުލިފައިވި ނަމަވެސް، އެކަންކަން ހަމައަކަށް އަޅުއްވަން ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. ޓެކްސް ބޮޑުކޮށް، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ވެސް މާރުކުރަން ޖެހުނީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމުން ކަމަށާއި، މިހުރިހާ ކަމެއް ރައީސް ހައްލުކުރައްވަމުން ގެންދަވަނީ ރަގަޅު އެޖެންޑާއެއްގެ ދަށުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ