ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލަރު ހުސައިން ޒަރީރު ދޫކޮށްލައި، އަނެއް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ބަންދުގައި ބައިތިއްބާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲއެވެ. އަދި ހ. ލެވެންޑްލީގެ ހުސެއިން ޝާކިރާއި، ހއ. ބާރަށު ކުއްޅަވައްގެ އަލީ ޖުމާނާއި، ނ. ވެލިދޫ ޖަވާހިރުމާގެ މުހައްމަދު ހަލަފް އިބްރާހިމާއި، ބ. ކެންދޫ ނޫހިރި އާޒިމް އަލީ ވެސް މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް އެ ހަތް މީހުންގެ ތެރެއިން މުހައްމަދު ހަލަފް އިބްރާހިމް ބަންދު ނުކޮށް ދޫކޮށްލާފައިވާ ކަމަށް އެނގިފައިވެއެވެ. އޭނާ ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވުމުން ޝަރުތު ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން މާލޭގައި ބޭއްވި މި މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހުނު ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެ ޕާޓީން ބުނި ގޮތުގައި ރަސްލާން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އޭނާގެ ހާލު ގޯސްވި ކަމަށެވެ. ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ) އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާނެ އެއްޗެއް ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
ފުލުހުން އަންގައިފައިވާ ގޮތުން އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި މުޒާހަރާ ކުރިއަށް ގެންދަން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ.
ކޮމެންޓު ފޮނުވާ