ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކަމުގެ ޚާއްޞަ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
މާދަމާ ހެނދުނު 7:00 ގައި ފެށިގެން ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުން "ކޯސްޓަލް ކްލީނަޕް" ހަރަކާތެއް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ އިތުރުން، ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
ސާފުކުރުމުގެ މި ޕްރޮގްރާމަކީ ހަމައެކަނި ހުޅުމާލެއަށް ޚާއްޞަ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ އެހެން ރަށްރަށާއި ރިސޯޓުތަކުންވެސް މިފަދަ ހަރަކާތްތައް މާދަމާ ދުވަހު ކުރިއަށް ގެންދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހަރަކާތުގައި އެކި އެންޖީއޯތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެއެވެ.
ދުވަހުގެ ރޭގަނޑު 08:45 ގައި ކަމާބެހޭ މާހިރުން ބައިވެރިވާ ޕެނަލް ޑިސްކަޝަނެއް ބާއްވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި ޑިސްކަޝަންގައި ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރާނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއީ އެއް ހަރަކާތެވެ. ކޯޕަރޭޝަނުން ވިދާޅުވީ މުސްތަޤުބަލުގައިވެސް ސާފުތާހިރުކަމުގެ ރަނގަޅު އާދަތައް އާލާކޮށް ހުޅުމާލޭގެ ވެށި ރީތިކޮށް ބެލެހެއްޓުމަށް މިފަދަ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ