ޣައްޒާއަށް އިންސާނީ އެހީ ގެންދިއުމަށް ދަތުރުކުރި ގްލޯބަލް ސުމޫދު ފްލޮޓިލާގެ 13 ބޯޓެއް އިޒްރޭލުގެ ސިފައިން ހިފަހައްޓައި، އެ ބޯޓުތަކުގައި ދަތުރުކުރި 162 މީހުން ބަންދުކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހާމަކޮށްފިއެވެ.
އައިއޭސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަޒްހަދު އަޙްމަދު ބުނި ގޮތުގައި، ރޭގަނޑު އިޒްރޭލުގެ ސިފައިން އެ ބޯޓުތަކަށް ހަމަލާދިނުމުގެ ކުރިން، ބޯޓުތަކުގެ ވަށައިގެން ދުއްވައި، މުވާސަލާތީ ސިގްނަލްތައް ބްލޮކްކޮށް، ބޯޓުތަކަށް ފެން ޖެހުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ހުރަސްއަޅާފައިވެއެވެ.
ބަންދުކުރެވުނު 162 މީހުންގެ ތެރޭގައި 25 ޤައުމެއްގެ ރައްޔިތުން ހިމެނޭ ކަމަށާއި، މުޅި ޖުމުލަ 44 ބޯޓު ހިމެނޭ ފްލީޓުގެ ތެރެއިން 13 ބޯޓު ހިފަހައްޓި ނަމަވެސް، ބާކީ 30 ބޯޓު މިހާރުވެސް ޣައްޒާއަށް ކުރިއަށްދާ ކަމަށް އަޒްހަދު މަޢުލޫމާތު ދިނެވެ. އެއްވެސް ހުރަހެއް ނުޖެހިއްޖެނަމަ، ކުރިއަށް އޮތް ފަސް ގަޑިއިރު ތެރޭގައި މި ބޯޓުތައް ޣައްޒާގެ ސަރަޙައްދަށް ވާސިލްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފްލޮޓިލާގައި ދިވެހިރާއްޖެއިން އައިއޭސީގެ ފަރާތުން ބައިވެރިވެފައިވާ ކަމަށާއި، އައިއޭސީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝާޒު (ބޮޑޭ) އޮބްޒާވަރުންގެ ބޯޓެއްގައި ފްލީޓާއެކު ދަތުރުކުރި ކަމަށް ވެސް އައިއޭސީއިން ބުނެއެވެ. ނަމަވެސް އިޒްރޭލުގެ ސިފައިން ބޯޓުތަކަށް އަރާނެކަމުގެ ބިރު އޮތުމުން، ޝާޒު ހިމެނޭ އޮބްޒާވަރުންގެ ޓީމު ސައިޕްރަސްއަށް އަނބުރާ ދިޔަ ކަމަށް ރިޕޯޓުކުރެއެވެ.
މި ބޯޓުތައް ހިފަހައްޓާފައިވަނީ ޣައްޒާއިން ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު ދުރުގައި، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ކަމަށް ވާތީ، މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް އައިއޭސީއިން ފާހަގަކުރެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާ މި ދަތުރުކުރަނީ، އިޒްރޭލުން ޣައްޒާގެ މައްޗަށް ގިނަ ދުވަހެއް ވެފައިވާ ނެރުމާއި ވަނުމުގެ ބްލޮކޭޑަށް އިޙްތިޖާޖުކޮށް، އެ ސަރަޙައްދުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މީގެ ކުރިން ވެސް ޣައްޒާއަށް ދަތުރުކުރި މިފަދަ އެހީގެ ފްލޮޓިލާތައް މެޑިޓަރޭނިއަން ކަނޑުގައި އިޒްރޭލުން ހުއްޓުވާފައިވާ ކަމަށް ތާރީޚު ދައްކައެވެ.
ކޮމެންޓު ފޮނުވާ