ރާއްޖޭގެ ރިސޯޓުތަކަށް މި އަހަރުގެ މިހާހިސާބަށް ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރިސޯޓުތަކަށް 1,203,865 ފަތުރުވެރިން ވަދެފައިވެއެވެ.
މި އަދަދަކީ ރާއްޖެއަށް ޒިޔާރާތްކުރި މުޅި ފަތުރުވެރިންގެ 73.6 އިންސައްތައެވެ. މިއިން ދައްކާގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު އަދިވެސް ތިބެނީ ރިސޯޓުތައް ހޮވަމުންކަން ފާހަގަކުރެވެއެވެ.
ގެސްޓްހައުސްތަކަކީ ރިސޯޓުތަކަށްފަހު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކުރާ ދެވަނަ ތަންތަން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މިހާތަނަށް 355,389 ފަތުރުވެރިން ގެސްޓްހައުސްތަކަށް ވަދެފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 21.7 އިންސައްތައެވެ.
އިއްޔެއާ ހަމައަށް ދިވެހިރާއްޖެއަށް ޖުމްލަ 1,636,489 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި މުއްދަތުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 5,994 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިން ބައިތިއްބުމަށް މިވަގުތު ރާއްޖޭގައި ޖުމްލަ 1,278 ތަނެއް ހިންގަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 925 ގެސްޓްހައުސް، 163 ސަފާރީ އަދި 16 ހޮޓާ ހިމެނެއެވެ. މި ތަންތަނުގައި ޖުމްލަ 64,758 އެނދު އޮޕަރޭޓްކުރަމުން ގެންދާކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ